ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓު ސައްޚަވާނެ ކަމަށާއި، ލިސްޓުގައި މަކަރެއް ހެދުމުގެ ޖާގައެއް އިލެކްޝަންސް ކޮމިޝަނުން ނުދެއްވާނެކަމަށް އެކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް މިހެން ވިދާޅުވީ ޕީޕީއެމްގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވޯޓަރސް ލިސްޓް ގަޑުބަޑު ކުރުން ކުއްވެެރި ކުރާކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ. ރުކުމާ ވިދާޅުވީ 2019 ވަނައަހަރު ރައްޔިތުންގެ މަޖިލިސް އިންތިޙާބަށް އާންމުކުރި ވޯޓަރސްލިސްޓްގައި ނަންނެތް، 2023 ރިޔާސީ އިންތިޙާބަށް އާންމުކުރި ވޯޓަރސް ލިސްޓްގައި ނަންއޮތް 500 އެއްހާ މީހުން މިލިސްޓުން ފެންނަ ކަމަށެވެ. ލިންކާއިއެކު އެނާ ހިއްސާ ކުރި ލިސްޓް ފިލްޓަރ ކޮށްފައިއެވަނީ 24 އަހަރުން މަތީގެ މީހުން އެކަނި ކަމަށާއި، އިތުރުވީ މީހުންގެތެރޭ ގިނައީ މަރުވެފައިތިބި މީހުންކަމަށް އޭނާ ބުންޏެވެ. މި ލިސްޓުގައި ރަށްވެހިކަން ބަދަލުކުރި މީހުންނާއި އަދި ދިރިތިބި މީހުން މަދުންނަމަވެސް ހިމެނޭކަމަށް ރުކުމާ ވަނީ ބުނެފައެވެ.
ރުކުމާގެ ވާހަކަތަކަށް ރައްދު ދެއްވައި ހަބީބު ވިދާޅުވީ ރުކުމާ ފާހަގަ ކުރައްވާ ފަދަ ކަމެއް ވޯޓުލާ މީހުންގެ ލިސްޓަށް ގެނައުމުގެ އެއްވެސް ފުރުސަތެއް މިހާރަކު ނޯންނާނެ ކަމަށެވެ. ވޯޓުލާމީހުންގެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއްނޫން ކަމަށާއި، މަޖިލިސް މެމްބަރުން ހެއްދެވި ގާނޫނުގައި އޮންނަގޮތަށް، ލިސްޓު ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓު ފޮނުވައި، ހުރިހާ ރަށެއްގައި ލިސްޓު ޢާންމުކޮށް ޝަކުވާއަށް ހުޅުވާލައި، ޝަކުވާ އާ ގުޅިގެން އަންނަ ބަދަލުވެސް ގެޒެޓު ކުރަމުން، އިސީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ފަހިވެފައި އޮންނަ ކަމަށް ހަބީބު ވިދާޅުވިއެވެ.
ތިޔަހެން ވިދާޅުވާން ހެޔޮނުވާނެ. އަދި ވޯޓުލާ ދުވަހު މިހާރު ގެޒެޓު ކޮށް ޢާންމުކޮށް ކެންޑިޑޭޓުން ސޮއިކޮށް ފައިނަލަށް ކުރެވޭ ލިސްޓު ނޫން ލިސްޓެއް ނޯންނާނެ. ކެރިގެން ޔަޤީންކަމާއެކީގައި މިދަންނަވަނީ ތިޔަހީފުޅު ކުރައްވާ ޒާތުގެ ކަމެއް ހިނގާކަށް އެއްވެސް ފުރުސަތެއް ނެތް. ވަރަށް ހެޔޮދުޢާ.
– ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ހުށަހެޅުނު ހުރިހާ ޝަކުވާއަކަށް ޖަވާބުދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޝަކުވާގެ މުއްދަތުގައި ވޯޓަރސް ލިސްޓަށް ޖުމްލަ 551 ޝަކުވާއެއް ހުށަހަޅާފައިވެއެވެ.
ޝަކުވާގެ މުއްދަތުގައި އެކޮމިޝަނަށް ހުށަހެޅުނު ހުރިހާ ޝަކުވާއަކަށް މިހާރު ޖަވާބުދީ ނިމިފައިވާކަމަށެވެ. އަދި ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާ މީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެކަމަށާއި، ވޯޓުލާ މީހުންގެ އެންމެ ފަހުގެ ލިސްޓުވެސް ޢާންމު ކުރާނެކަމަށް ޙަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ތިބި މީހުންނަށް އެކަންޏެވެ. އިންތިޚާބެއްގެ އެންމެ މުހިންމު އެއް އަސާސް ބިނާވެގެންވަނީ ވޯޓުލާމީހުންގެ ލިސްޓަށް ކަމަށްވާތީ، މި ލިސްޓުގެ ސައްޙަކަން ކަށަވަރު ކުރުމަކީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ކައުންސިލްތަކުން އަދި ފަރުދީގޮތުންވެސް ކުރުން މުހިންމު ކަމެކެވެ. ޙަބީބް ވަނީ ވޯޓުލާ މީހުންގެ ސައްޙަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކައުންސިލްތަކުންނާއި، އިލެކްޝަންސް ފޯކަލް ޕޮއިންޓުން އަދި ފަރުދީގޮތުން ލިބުނު އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ