ދިވެހި ދެ ހައްޖާޖީއަކު ބަލިވެގެން އައިސީޔޫގައި ފަރުވާ ދެނީ

ދިވެހި ދެ ހައްޖާޖީއަކު ބަލިވެގެން އައިސީޔޫގައި ފަރުވާ ދެނީ

Author
ހުސެއިން
27 ޖޫން 2023 06:28
0

ހައްޖުގެ އަޅުކަން ފުރިހަމަކުރަންދާ ދެ ހައްޖާޖީއެއްގެ ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ހައްޖު މިޝަންގައި ހިމެނޭ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު އަނީލު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިވެހި ދެ ހައްޖާޖީންނަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދު ދެމީހުންވެސް އަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތް ކުރެވުނު ކަމަށެވެ.

އަނީލު ވިދާޅުވީ ދިވެހި ދެ ހައްޖާޖީއަކަށް އައިސީޔޫގައި ފަރުވާ ދޭންޖެހުނު ނަމަވެސް، ޖުމްލަކޮށް ދިވެހި ހައްޖާޖީންގެ ހާލު ރަގަޅު ކަމުގައެވެ. އަދި އަރަފާތު ބިމުގައި އާދަޔާ ޚިލާފަށް ހޫނު ގަދަކަމަށާއި، ކުޑަ ނަގައިގެންނާއި އަދި ގިނަ ގިނައިން ދިޔައިތަކެތި ބޭނުން ކުރަމުން ދިއުމަށް ސައުދީ ސަރުކާރުން އިލްތިމާސް ކޮށްފައިވާކަމަށްވެސް އަނީލު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް 1،000 މީހުންގެ ހައްޖު ކޯޓާ ލިބުނުއިރު ހައްޖު ކޯޕަރޭޝަންގެ އެހީގައި 881 މީހުން ހައްޖަށް ގޮސްފައި ވެއެވެ. ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގުރޫޕަކުންވެސް މީހުން ހައްޖަށް ގެންގޮސްފައި ވެއެވެ. މިއަހަރު އަމީރުލްހައްޖަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.