އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 551 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރެއްވި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ. އިއްޔެއަށް މުއްދަތު ހަމަވިއިރު، ލިސްޓަށް 551 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް:
• ނިޔާވެފައިވާ މީހުންގެ ނަން އޮތުމުން: 465 ޝަކުވާ
• އެޑްރެސް ބަދަލުވެފައިވާތީ: 58 ޝަކުވާ
• ލިސްޓުގައި ނަން ނެތުމުން: 19 ޝަކުވާ
• ނަން ބަދަލުވެގެން: 5 ޝަކުވާ
• ދާއިރާ ބަދަލުވެގެން: 3 ޝަކުވާ
• އައިޑީކާޑު ބަދަލުވެގެން: 1 ޝަކުވާ
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރެއްވި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓަރސް ލިސްޓުން އުނިކުރެއްވި ނަންތަކާއެކު މިހާރު ވޯޓު ދިނުމުގެ ޙައްޤު ލިބެނީ 282،672 މީހުންނަށެވެ. ނަމަވެސް ދާއިމީ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބެއްލެވުމަށްފަހު ލިސްޓަށް އަދިވެސް ބަދަލުތަކެއް އަންނާނެއެވެ.
މިއަހަރު ބާއްވަވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާޢިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކުރައްވާފައެވެ.
އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވާލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ޢަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި ބަހައްޓާފައިވަނީ 472 ފޮއްޓެވެ.
ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.