ތަޅުލިޔަސް މާދަމާ މަޖިލީހަށް ވަންނާނަން: އިދިކޮޅު

ތަޅުލިޔަސް މާދަމާ މަޖިލީހަށް ވަންނާނަން: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2023 02:27
0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮތަސް އިދިކޮޅު ފަރާތްތަކުން މާދަމާ މަޖިލީހުގެ ތަޅުމަށް ވަންނަން ނިންމައިފިއެވެ.

މިއަދު މަޖިލީހުގައި އިދިކޮޅު ކޯލިޝަންގެ ޕާލިމަންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބާރު ބޭނުންކޮށްގެން ރައީސް ސޯލިހު މަޖިލިސް ހުއްޓުވީ ކަމަށެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަޖިލިސް ތަޅުލާފައި ނުބެހެއްޓޭނެ ކަމަށާއި ޖަލްސާތައް ހުއްޓުވާފައި ވަނީ ސަރުކާރުގެ ނުފޫޒުތަކުގެ ވާހަކަ މަޖިލީހުގެ ތެރޭގައި ދައްކާނެތީ ކަމަށެވެ. މަޖިލިސް ބަންދުކޮށްފައި ބާއްވައިގެން ސަރުކާރުން ބޭނުން ވަނީ ޖުޑިޝަރީ ކޮމިޓީ ހުއްޓުމަކަށް ގެނެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުފޫޒު ފޯރުވުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އަޅުގަނޑުމެން މާދަމާ ތަޅުމަށް ވަންނާނަން. އަޅުގަނޑުމެން ވާނީ މިތަނުގެ ސެކްރެޓަރީ ޖެނަރަލަށް ވެސް ދަންނަވާފައި، ތަޅު އަޅުވާފައި ހުއްޓަސް އަޅުގަނޑުމެން އިދިކޮޅު ޕާޓީން ގަސްތުކުރަނީ މަޖިލީހަށް ވަންނަން ކަމަށް.

– ސައީދު ވިދާޅުވިއެވެ.

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވީ މަޖިލިސް ހުއްޓުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަބަބުން ކަމަށާއި މަޖިލިސް ހިނގާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަނޭޅޭނެ ކަމަށާއި ދެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން މަޖިލިސް ހުއްޓުމަކަށް އަންނާނެކަން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގައި މެންބަރެއްގެ ގޮތުން މަސައްކަތްކުރެއްވި ރައީސް ސޯލިހަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

އެނގިތިބެ ސަރުކާރުން ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ މެންބަރުން ސޮއިކުރީ އެ މެންބަރުންނަށް ބިރު ދެއްކުމުންނެވެ.

ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގަންނަވާތީ މިދިޔަ ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެއެވެ.

އެހެންވެ ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަޖިލިސް އިތުރަށް ކުރިޔަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.