ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު 12 ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެން ދިޔަ އަޑު އެހުންތަކަށް ފަހު، އަންގާރަ ދުވަހަށްވެސް ޔާމީންގެ މައްސަލަ ތާވަލުކޮށްފިއެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތުގެ ހެކިބަސް ނަގަން އިއްޔެ ހެނދުނު 09:00 ކަންހާއިރު ފެށި ޝަރީއަތް މެންދުރު ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި ނަމަވެސް އަނެއްކާވެސް އަލުން ފަށައިގެން ރެއާއިއެކު ކުރިއަށް ގެންދިޔައެވެ. ޝަރީއަތް ގާތްގަނޑަކަށް 13 ވަރަކަށް ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުން ވިދާޅުވާ ގޮތުގައި ކްރިމިނަލް ކޯޓުން މިހާރު ޔާމީންގެ ސަރީއަތް ކުރިއަށް ގެންދަނީ ހަވާ ފަޓާސް ބަރިއެއްގައި އަލިފާން ރޯކޮށްލުމުން އަނދައިގެންދާހާ ބާރު މިނުގައެވެ. ބޭނުމަކީ ޔާމީންގެ މައްޗަށް މިހާރު އޮތް 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކުރި ނަމަވެސް އަނެއްކާވެސް އިތުރު ހުކުމެއްކޮށް ޔާމީންގެ އިންތިހާބީ ހައްގު ހިފެހެއްޓުން ކަމަށް ވެސް ޔާމީންގެ ސަޕޯޓަރުން ބުނެއެވެ.
އިއްޔެ ދިގު ދެމިގެން ދިޔަ އަޑު އެހުންތަކަށް ފަހު، މިއަދު ހެނދުނަށްވެސް ޔާމީންގެ މައްސަލަވަނީ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައެވެ. މިއަދު ހެނދުނު ނުވައެއް ޖަހާއިރު ވެސް އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު މާ ކައިރިކައިރި ގިނަ އަޑުއެހުންތަކެއް ބާއްވާތީ ޔާމީންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޔާމީން ވިދާޅުވީ މިއަދު ހައި ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުމެއް ވެސް ނުބޭއްވުނީ ކްރިމިނަލް ކޯޓުގެ އަޑުއެހުން އޮތުމުން ކަމަށެވެ. ހައިކޯޓުގައި ހިނގަމުންދަނީ އާރަށުގެ މައްސަލައިގެ އިސްތިއުނާފެވެ. އެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށްވަނީ އިއްވާފައެވެ.
ޔާމީން ޝަކުވާ ކުރެއްވި ނަމަވެސް، މިއަދު ވެސް ޝަރީއަތް ކުރިއަށް ގެންދަން ކޯޓުންވަނީ ނިންމާފައެވެ. ބުދަ ދުވަހުވެސް ޝަރީއަތް އޮންނާނެ ކަމަށްވެއެވެ. އަނެއްކޮޅުން ބުރާސްފަތި ދުވަހު، ހައިކޯޓުގައި އިސްތިއުނާފީ އަޑު އެހުމެއް އޮންނާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ