މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެެއްފަހަރާ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް ގާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވަޢިދުގައި ވެސް ނެތް ކަމަށް ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު ބައެއް ޕާޓީތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ތެރެއުބް ކޮންމެސް އެއް ބޭފުޅަކު ޗެއާކުރުމުގެ ފުރުސަތު ދެއްވާފައި މަސައްކަތްތައް ކުރިއަށްގެންދިއުންކަމަށެވެ.
މި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަހެޅި މަޖިލިސް "ޑެޑްލޮކަށް" ދާނެ ކަން އެމްޑީޕީ އަށް އެނގިތިބެ ކަމަށެވެ.
އެހެންކަމުން، މަޖިލީހުގެ މަސައްކަތްތައް އަލުން ހިންގަން ބޭނުންވާ ނަމަ، އެއިގެ ތެރެއިން އެއް މައްސަލަ އަނބުރާ ގެންދަންޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވި، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.
އެކަމުގައި މައިގަނޑު ދެބަސްވުމެއް އުފެދިގެން އުޅެނީ އާންމު ކޮމިޓީ އެކުލަވާލުމުގަ އެވެ. މި އާއި އެކު މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ވެސް އޮތީ ހުއްޓިފަ އެވެ. އެއީ އީވާގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުންނެވެ.
އީވާ ވަކިކުރުމުގެ މައްސަލާގައި ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވެފައިވީ ނަމަވެސް، އާންމު ކޮމިޓީން ވަގުތު ކަނޑަނާޅާތީ އެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާއެއް ނުކުރެ އެވެ. އެކަމާ އެމްޑީޕީ މެމްބަރުން އަޑުގަދަކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ހުއްޓުވައިފަ އެވެ.
ދާއިމީ ކޮމިޓީތައް އެކުލަވާނުލެވިގެން އުޅެނީ، އެމްޑީޕީން އެކަމުގައި އެއްވެސް ވަރަކަށް ދޫދޭން ބޭނުންނުވާތީ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރި އެވެ.
ކޮމެންޓު ފޮނުވާ