ތައުބާވާމީހާ އޭނާގެ ހިތުގެ އަޑިން މާތް ރަސްކަލާންގެ ފުއްސެވުމަށް އެދެންޖެހޭނެ ކަމަށާއި، އަދި އެ ފާފަތަކަށް އެނބުރި ނުދިޔުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމުގައި ޚުތުބާގައި ވިދާޅުވެއްޖެއެވެ.
"ތައުބާގެ އަހައްމިއްޔަތާއި އޭގެ ދައުރު" މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިންސާނާ، އޭނާގެ އިއްޔެއަށްވުރެ އޭނާގެ މިއަދު ހެޔޮ ދުވަހަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށާއި، މިއަދަށްވުރެ މާދަމާގެ ހެޔޮކަން އިތުރުކުރުމަށް ދަހިވެތިވާނެ ކަމަށެވެ.
ހުތުބާގައި ވިދާޅުވީ ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނާނެ މީހެއް ނޫން ކަމަށެވެ. އަދި އޭނާއަކީ މާތް ރަސްކަލާންގެ އަންގަވާފައިވާ ފަދައިން އެކަލާނގެ ހަޒްރަތަށް އަވަހަށް އެނބުރި ގޮސް އިސްތިއުފާރުކޮށް މާފުކުރެއްވުމަށް އެދި ދަންނަވާ މީހެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ހުތުބާގައި ވިދާޅުވީ ތިން ކަމަކަށް ޓަކައި ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ މާތް ރަސްކަލާންގެ އުގޫބާތުން ރައްކާތެރި ކުރުމަށްޓަކައި ތައުބާވުމެވެ. ދެވަނަ ކަމަކީ އޭނާގެ އަމަލުތައް މާތް ރަސްކަލާންގެ ގަބޫލުކުރައްވަވާ އަމަލުތަކަށް ހެދުމަށްޓަކައި ތައުބާވުމެވެ. ހުތުބާގައި ވިދާޅުވީ ތައުބާވަން ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ޝައިތާނާ އޭނާއަށް ވަސްވާސްދީ ބުނެއެވެ. ތިމާބެ ކުރިމަތީގައި އަދި ވަގުތު އެބަ އޮތެވެ. ހާސްވެ ކަންބޮޑުވާކަށް ނުވޭ. ބައެއް ފަހަރަށް ޝައިތާނާ އޭނާއަށް ވަސްވާސްދީ މާޔޫސްކޮށްލާ. ނަމަވެސް އަހަރުމެން މާތް ރަސްކަލާންގެ ރަހުމަތުން އުއްމީދު ކަނޑާލަައިގެން ނުވާނެއެވެ. އަހަރުމެންގެ މައްޗަށް އޮތީ ފާފައެއް ކުރެވޭ އިރަށް މާތް ރަސްކަލާންގެ މަގަށް އަނބުރާ ރުޖޫއަވެ ތައުމާވުން.
– ހުތުބާގައި ވިދާޅުވެފައި ވެއެވެ.
ޚުތުބާގައި ވިދާޅުވީ އާދަމުދަރިޔާގެ ވަށައިގެން އެތައް ދުޝްމަނުންތަކެއްވާ ކަމަށާއި، މި ދުޝްމަނުން ހަޑިހުތުރު އަމަލުތައް ޒީނާތްތެރިކޮށްދޭ ކަމަށެވެ. އަދި ރިވެތި އަމަލުތައް ހުތުރުކޮށްދޭއިރު، ނުބައިވެގެންވާ އަމަލުތަކަށް ދަލުގައި ޖައްސަން މަސައްކަތް ކުރާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. މި ފަދަ ދަޅަތަކަށް ހެލުންތެރިވެގެން އުޚްރަވީ ހަޔާތް ކާމިޔާބެއް ނުކުރެވޭނެ ކަމަށާއި، ތައުބާވުން ލަސްކޮށްގެން ސަލާމަތްތެރިކަން ނުލިބޭނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
ތައުބާވާމީހާ އޭނާގެ ހިތުގެ އަޑިން މާތް ރަސްކަލާންގެ ފުއްސެވުމަށް އެދެންޖެހޭނެ ކަމަށާއި، އަދި އެ ފާފަތަކަށް އެނބުރި ނުދިޔުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ތެދުވެރި އަޒުމަކާ އިހްލާސްތެރި ތައުބާއަކާއެކު ކުރިމަތިލިާނަމަ ތިބާގެ ހިތަށް މާތް ރަސްކަލާންގެ ހިތްހަމަޖެހުން ވައްދަވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އޭރުން ތިބާގެ ކުރިމަތީގައި އުންމީދުގެ ދޮރުތައް މާތް ރަސްކަލާންގެ ހުޅުއްވައި ދެއްވާނެ ކަމަށާއި، އޭރުން ތިބާގެ ނަފްސަށް އަލުން އިތުބާރު ލިބޭނެ ކަމަށެވެ. އަދި ތިބާއަށް ސީދާވެގެންވާ މިސްރާބު ހިފި، ތިބާއަށް އަމާންކަމާއެކު މިދުނިޔޭގައި ދަތުރުކޮށް އުޚްރަވީ މަންޒިލަށް ދެވޭނެ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.