5 އަތޮޅެއްގެ 22 ރަށަކަށް ކުނި މެނޭޖްކުރާނެ އާލާތްތައް ފޯރުކޮށްދިނުމަށް ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްފި

5 އަތޮޅެއްގެ 22 ރަށަކަށް ކުނި މެނޭޖްކުރާނެ އާލާތްތައް ފޯރުކޮށްދިނުމަށް ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްފި

އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން މ، ފ، ދ، ތ އަދި ލ އަތޮޅުގެ 22 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓް ފޯރު ކޮށްދިނުމުގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިމިނަތު ޝަޢުނާ އެވެ. އަދި ސޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ބަނޑުލަ ޖަޔަރަތުނަ އެވެ.

އެ މިނިސްޓްރީން ބުނީ މިއަދު މި ޙަވާލުކުރެވުނު މަސައްކަތަކީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީއިން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 7.5 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި އެއްބަސްވުމުގެ ދަށުން މ، ފ، ދ، ތ އަދި ލ އަތޮޅުގެ ޖުމްލަ 22 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއީ 4 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާ ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި އިކުއިޕްމަންޓުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މައިގަނޑު ގޮތެއްގައި މިހާރު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ހެދުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރެވެމުންދާ، ނުވަތަ ޕްރޮކިއުމަންޓް މަރުޙަލާގައިވާ ރަށްތަކެވެ.

މި މަޝްރޫޢުތައް ނިމިގެންދާއިރު، މި ރަށްތަކަކީ ރަށުފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަޟީލަތް މެނޭޖުކުރުމަށް ޤާބިލު ރަށްތަކަކަށް ވެގެންދިއުމަކީ މިނިސްޓްރީގެ ތަސައްވަރު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *