ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަރުގެ ބޭފުޅަކު ރާއްޖޭގެ ބަންޑާރަ ނައިބު ކަމަށް މި ލިބުނީ އަދި ކިރިޔާ ކަމަށާއި އެ ބޭފުޅާ އަށް ސެލިއުޓް ކުރައްވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ ބަންޑާރަ ނައިބަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ބަންޑާރަ ނައިބު މަޖިލީހުގައި ދައްކަވާ ވާހަކަތައް ފުރިހަމަ އަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ އެންމެ އިންޗިއެއް ވެސް ނުވިއްކާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި ބަންޑާރަ ނައިބަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.
"މިވަރުގެ ބަންޑާރަ ނައިބެއް މި ލިބުނީ އަދި ކިރިޔާ މިރާއްޖެ އަށް. މި މައްސަލަ ސޯޓްއައުޓްކޮށްދެއްވީ ބަންޑާރަ ނައިބު. ބަންޑާރަ ނައިބަށް ސެލިއުޓް ކުރަން އަޅުގަނޑު. ސާބަހޭ ބަންޑާރަ ނައިބު ދައުލަތަށްޓަކައި ތިޔަ ކުރެއްވި ގުރުބާނީ." ޖާބިރު ވިދާޅުވި އެވެ.
ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގަ އެވެ.
ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް ނާހައި މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވީ "މަޖިލީހުގެ ނިޒާމު ގެއްލިފައި" ވާކަމަށް ބުނެ އެވެ.
ކޮމެންޓު ފޮނުވާ