ގްރޭޓާ މާލޭގެ އެމަޖެންސީ ބެކަޕް ޕަވަޕްލާންޓުގެ މަސައްކަތް ނިންމާލައިފިއެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ގާއިމުކޮށްފައިވާ މި ބެކަޕް ޕަވަޕްލާންޓްގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓްއެވެ. ސްޓެލްކޯ އިން ބުނީ މިމަސައްކަތަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން އަދި އެ ކުންފުނީގެ އަތޮޅުތެރޭގައި އާއި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގައި ތިބި އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށެވެ.
ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހާއްސަކޮށްގެން ހެދި އިންޖީނުގޭގެ ސަބަބުން މައްސަލައެއް ދިމާވި ނަމަވެސް ހުއްޓުމެއް ނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވިއެވެ.
މިހާރު ހުރި ތިން ޕަވަޕްލާންޓުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުންވާ ނަމަ ނުވަތަ އެމެޖެންސީއެއް ދިމާވެއްޖެ ނަމަ އަޅުގަނޑުމެން މި ޕަވަޕްލާންޓުގެ ބޭނުން ހިފާނީ. އެމެޖެންސީއޭ މި ދެންނެވީ އިންޖީނެއް ހުއްޓި، މެއިންޓެނަންސަށް ނަގާ އިންޖީނުތަކަށް ފޫބެއްދުމަށް ވެސް އަޅުގަނޑުމެން މި ޕަވާޕްލާންޓުގެ ބޭނުން ހިފާނެ.
– ޝަރީފް ވިދާޅުވިއެވެ.
ހުޅުމާލޭގައި ގާއިމްކުރި އެމެޖެންސީ ޕަވާޕްލާންޓުގެ މަސައްްކަތް ނިންމާލީ އެއް މަސް ދުވަހުން ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ސްޓެލްކޯގެ ތާރީހުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރެވެ.
ގްރޭޓާމާލެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓްގެ މަސައްކަތް މިއަދު ވަނީ ނިންމާލާފައި. މެނޭޖިންގ ޑިރެކްޓަރ @ShareefRangondi ގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓަކީ، މިކުންފުނީގެ ތާރީހުގައި މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އިންޖީނުތަކެއް pic.twitter.com/P5iwcyuYoV
— STELCO (@STELCOMALDIVES) June 4, 2023
ސްޓެލްކޯ އިން ގްރޭޓާ މާލޭ ސަރަހައްދުގައި ދޭ ކަރަންޓް ބޭނުންކުރާ މިންވަރު އެންމެ މައްޗަށް ދިޔައީ މިއަހަރުގެ އޭޕްރީލް މަހުއެވެ. އެފަހަރު ކަރަންޓް ބޭނުންކުރި ވަރު 102 މެގަވޮޓަށް ވުރެ މައްޗަށް ދިޔަ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.