ދެ ފަތުރުވެރިން ރާއްޖޭގެ ރިސޯޓެއްގައި - ފޮޓޯ: ލަކްސް ސައުތު އަރި

މޭމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް

މޭމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް

ފާއިތުވި މޭމަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ހިގައްޖެއެވެ. މިގޮތުން މިއަހަރުގެ ފާއިތުވެދިޔަ މަސްތަކުގައި ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ދުވާލަކަށް އެވްރެޖްކޮށް 5،000 އަށް އަރާފައިވި ނަމަވެސް ނިމިދިޔަ މޭމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އުޅެނީ އެވްރެޖްކޮށް ދުވާލަކަށް 4،000 ގައެވެ.

މި އަހަރުގެ މޭމަހު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 120،960 ފަތުރުވެރިންނެވެ. ފާއިތުވި އަހަރުގެ މޭމަހު ރާއްޖެއަށް ޒިޔަރަތް ކޮށްފައިވަނީ 125،528 ފަތުރުވެރިންނެވެ. މި އަދަދަށް ބަލާއިރު މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 3.6 އިންސައްތަ ދަށަށް ގޮސްފައެވެ.

މިއަހަރުގެ މެމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވި ނަމަވެސް، މި އަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 800،000 އަށްވުރެ މައްޗަށް ގޮސްފައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ނިމިގެން ދިޔައިރު ރާއްޖެއަށްވަނީ 809،245 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ 5 މަސް ނިމިގެން ދިޔައިރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 702،322 ފަތުރު ވެރިންނެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކޮށްފައިވާ ގައުމުތައް:

ރަޝިއާ: 94،213 ފަތުރުވެރިން

އިންޑިއާ: 93،879 ފަތުރުވެރިން

އިނގިރޭސިވިލާތް: 73،373 ފަތުރުވެރިން

ދިގުމުއްދަތަކަށްފަހު ޗައިނާ މާރކެޓުން މިހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަން ފަށާފައިވާއިރު، އެގައުމު އޮތީ ލިސްޓުގެ 6 ވަނާއިގައެވެ. އެގައުމުން މިއަހަރު މިހާތަނަށް ރާއްޖެއަށް 46،393 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

ފާއިތުވެދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *