ކަނޑު ވިއްކުމާ ދެކޮޅު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާނެ: އިއްތިހާދު

ކަނޑު ވިއްކުމާ ދެކޮޅު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާނެ: އިއްތިހާދު

Author
މުޙައްމަދު ޝަޒައިމް
31 މެއި 2023 10:01
0

އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުން ބާއްވާ "ކަނޑު ވިއްކުމާ ދެކޮޅު ޖަލްސާ"ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް އެ އިއްތިހާދުން ބުނެފިއެވެ.

އިއްތިހާދުގެ ފަރާތުން ވާހަކަދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ މިޖަލްސާގައި ގިނަ ބަޔަކު ބައިވެރި ކުރުމަށްޓަކައި އިއްތިހާދުގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކުން ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް މި ބަލަނީ. ވިއްކާލީ ދެކުނުގެ މަސްވެރިން މަސްބާނަ ބާނާ ތިބި މަސްކަނޑު. މިހާރު އެ ސަރަހައްދަކަށް އެ މީހުންނަށް ނުދެވޭ. އެހެންވެ މަސްވެރިންވެސް ތިބީ ޖަލްސާއަށް އަންނަން ތައްޔާރަށް.

– އޭނާ ވިދާޅުވިއެވެ.

އިއްތިހާދުގެ އަމާޒަކީ ސަރުކާރަށް މިކަމުގައި ރައްޔިތުން ތިބީ ރުހިގެން ނޫންކަމާއި ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަން ހާމަ ކޮށްދިނުން ކަމަށް އެ އިއްތިހާދުން ބުނެއެވެ. މިޖަލްސާގެ ޕްރޮމޯޝަން މާލެއާއި ބައެއް އަތޮޅުތަކުގައިވެސް މިހާރު ކުރިއަށްދާ ކަމަށް އެ އިއްތިހާދުން ބުނެއެވެ.

އިދިކޮޅު އިއްތިހާދުން ގުޅިގެން ފަށާފައިވާ މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަނީ ޕީޕީއެމް، ޕީއެންސީއެވެ. މީގެ އިތުރުން މިހަރަކާތުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއި، އެމްއާރުއެމް، އެމްއެންޕީ، އުމަރު ނަސީރަށް ތާއީދު ކުރާ ފަރާތްތަކާއި، ކުރީގެ ބަންޑާރަ ނައިބުންގެ ތެރޭގައި ހިމެނޭ ޑރ.މުނައްވަރާއި، އާޒިމާ ޝުކޫރުވެސް ބައިވެރިވެއެވެ. މިއެއްވުމުގައި ބައިވެރުވުމުގެ މަސައްކަތްތަކުގައި އުޅުމަށްފަހު ޖޭޕީން ވަނީ މިކަމުގައި ބައިވެރިނުވުމަށް ގޮވާލާފައެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ދަނީ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިހާތަނަށް މި ޕެޓިޝަންގައި ގިނަ އަދަދެއްގެ ބަޔަކުވަނީ ސޮއިކޮށްފައެވެ. ޗާގޯސްގެ މައްސަލާގައި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ބަންޑާރަ ނައިބާއި، ޚާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަނީ ވައްދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.