ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއް ސުއޫދު އިންތިޚާބުކޮށްފިއެވެ.
ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްގެ މަޤާމު ފާއިތުވި އަހަރު ހުސްވުމާ ގުޅިގެން އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެ މަޤާމު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދެވީވެސް ސުއޫދެވެ.
އެ ޖަމްއިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ފަނޑިޔާރު ސުއޫދު އެ ޖަމްއިއްޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ އެ ޖަމްއިއްޔާގެ ރައީސްކަމާއި ނައިބުރައީސްކަން ހުސްވުމާ ގުޅިގެން އެ ދެ މަޤާމަށް ބޭފުޅުން ކުރިމަތިލައްވަން ހުޅުވައިލުމުން އޭނާ ފިޔަވައި އިތުރު ބޭފުޅަކު ރައީސްކަމަށް ކުރިމަތިނުލެއްވުމުންނެވެ.
ފަނޑިޔާރު ސުއޫދު ޖަމްއިއްޔާގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވިއިރު ނައިބުރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު އީސާފުޅެވެ.
އޭގެ އިތުރަށް ޖަމްއިއްޔާގެ އަމީން ޢާންމުގެ މަޤާމަށް ރ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު އަލްއުސްތާޛު މުހައްމަދު ޞާލިޙު އަދި އިންތިޒާމު އަމީން ޢާންމުގެ މަޤާމަށް ށ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ޙަސަން ޝިޔާމު އިންތިޚާބުވެވަޑައިގަތެވެ.
ޖަމްޢިއްޔާގެ ޚަޒާންދާރުކަަމަށް ސިވިލް ކޯޓުގެ ޤާޟީ އަޙްމަދު ރަޝީދު އަދި ތަރުޖަމާނުގެ މަޤާމަށް އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދު އިންތިޚާބުވެވަޑައިގެންނެވިއެވެ.