ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީޑަރު އައިޝަތު ނަހުލާ އިސްނަންގަވައިގެން ޒުވާނުންނަށް އަމާޒުކޮށްގެން ރޭ ހުޅުމާލޭގައި ބޭއްވި އިވެންޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ފިރިކަލުން ޤާސިމް އިބްރާހިމަށް ނަހުލާ 2023 ފޯމު ހަވާލު ކުރައްވައިފިއެވެ.
"ފުރަވީރުން" ނަމުގައި ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮތް ޒުވާނުންގެ ހާއްސަ އިވެންޓުގައި ޖުމްހޫރީީ ޕާޓީއާއި އަލަށް ގުޅުނު 2023 މެމްބަރުން ފޯމު ޤާސިމާއި ހަވާލު ކުރެއްވީ މިނިސްޓަރ ނަހުލާއެވެ. ލައިވް މިއުޒިކާއި، ހަވާއެރުވުމުގެ ކުލަގަދަ ހަރަކާތްތަކާއި އޮތް މި ހަފްލާގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވަފައެވެ.
މިއިވެންޓާއި ގުޅޭގޮތުން ޖޭޕީން ބުނީ މިއީ ފަހުގެ ތާރީހެއްގައި މިހާ އަވަސް އަދި ކުރު މުއްދަތެއްގައި ބޭއްވު މިހާ ފުރިހަމަ ފުރަތަމަ ފުރަތަމަ ހަފްލާކަމަށެވެ. މި ހަރަކާތުގެ ސަބަބުން ޒުވާނުންނަށް އިތުރު އުފާވެރިކަން ގެނުވައި، އުންމީދެއް ލިބިގެން ގޮސްފައިވާކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
ޖުމްހޫރީޕާޓީގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް މެމްބަރުން އިންތިޙާބު ކުރެއްވި އަންހެން ޑެޕިއުޓީ ލީޑަރު ދިވެހި ސިޔާސީ މަސްރަހު ގުޑުވާލައިފި. އާންމުންނާއި ޕާޓީއާއި އެހެނިހެން ސިޔާސީ ފަރާތްތަކަށް ހައިރާން ގެނުވައި ސިއްސުވާލައިފި. ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވެ ވި ފުރަވީރުންގެ ހަރަކާތް ވެގެންދިޔައީ ޖުމްލަކޮށް އާއިލާތަކަށް އުފާވެރިކަން ގެނެސްދިން މާހައުލަކަށް.
– ޖޭޕީން ބުނެފައިވެއެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އާންމު މެމްބަރުންގެ މިންނެތް މަސައްކަތުން އެޕާޓީއަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ އެންމެ ބޮޑު ޕާޓީއަށް ވެގެންދާނެކަމަށެވެ. އަދި އެޕާޓީން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވި ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަަމަށެވެ.
ރިޔާސީ އިންތިޚާބުގައި ޤާސިމްމ ވާދަކުރައްވާއިރު، އެޕާޓީގެ އިސް ބޭފުޅުންގެ ގޮތުގައި ހަރަކާތްތެރިވާ މިނިސްޓަރ ނަހހުލާ ފަދަ ބޭފުޅުންނަކީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ރައީސް ޞާލިހުގެ ސަރުކާރުގެ ވަޒީރުންނެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއިއެކު ކުރިއަށް ދިއުމުގެ ދައުވަތު ޤާސިމަށް ދިން ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމީ ރިޔާސީ އިންތިޚާބުގައި އެޕާޓީން ވަކިން ވާދަ ކުރުމަށެވެ.
ޖޭޕީން ވަނީ 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ. އެ ދެއިންތިޚާބުގައި ވާދަކުރިއިރުވެސް ޕްރައިމަރީއެއް ބާއްވާފައެއް ނުވެއެވެ. މިއަހަރުގެ ބާއްވާ ރިޔާސީ އިންތިޚާބު އޮންނަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.