ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމެވި ނިންމެވުން ފަޑިޔާރުންގެ މަޖްލިސް އަށް އެޕީލް ކޮށް މައްސަލަ މިއަދު ހުށަހަލައިފިއެވެ.
އުމަރާއި އޭނާގެ ޓީމުން ސްޕްރީމް ކޯޓަށް ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކުރުމަށެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރު ރައީސް ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރުމުގެ މައްސަލާގައި ރާއްޖެ އިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަން ހާމަ ކުރުމަށެވެ. އެ ސިޓީފުޅު ބާތިލް ކުރުމަށާއި ސިޓީފުޅު ހާމަކޮށް އަދި އެއާ ގުޅިގެން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅެއްގެ ފަރާތުންނެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމާވާފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ ގޮތަށް ނިންމިޔަސް، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު ލިބެއެވެ.
އުމަރު މިއަދު ވިދާޅުވީ ސްޕްރީމްކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
ބާނަބާނާ ތިއްބާ ރާއްޖޭގެ މަސްކަނޑުން ބައެއް ސަރުކާރުން ދޫކޮށްލި މައްސަލައާއި ގުޅިގެން، އަޅުގަޑާ، ރޓޑ ލެފްޓިނެންޓް ކާނަލް ޒުބައިރު އަހުމަދު މަނިކު އާއި މުހައްމަދު މުސްތާގް ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ، އެކޯޓުގެ ރެޖިސްޓްރާ ބަލައިގެންފައި ނުވާތީ، 'ރަޖިސްޓްރާރ ގެ ނިންމުން ބަލައިދިނުން' އެދި މިއަދު ސްޕްރީމް ކޯޓަށް އަލުން މި މައްސަލަ ހުށަހަޅައިފިން. އުމަރު ނަސީރު ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެ އަށް 47،000 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،000 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.
ކޮމެންޓު ފޮނުވާ