ސަރުކާރުގެ ޕްރޮޕެންޑާ ފަތުރުމަށް ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން، ދައުލަތުގެ މިޑިއާ ހިންގުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލުމަށް ކުއްލިއަކަށް ނިންމި ނިންމުމާއި ގުޅޭގޮތުން ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައެވެ.
މެމްބަރު އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ މާލިއްޔާއިން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ތަނަކަށްވާއިރު، އެތަނަކީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރަން އޮތް ތަނަކަށް ވެގެން ނުވާނެކަމަށެވެ. އެކަން ކުރަންވާނީ ރައްޔިތުންނަށް ފައިދާކުރަނުވިގޮތަށް ހަމަހަހަމަ އުސޫލުންކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ސަރުކާރުގެ ޕްރޮޕެގެންޑާ ހިންގާ މެޝިންތަކެއްގެ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް، ރައްޔިތުންގެ ފައިސާއިން ޚަރަދު ކޮށްގެން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަކީ ރަނގަޅު ކަމެއްނޫން.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރަށް ވުރެ ވެސް މާ ހޫނުވެގެން ދިޔަ އިރު މީގެ ކުރިން ވެސް ލައިވް ކުރަމުން ގެންދިޔައެވެ. އަދި ބައެއް އެހެން ޗެނަލްތަކުން ކުޑަ ޑިލޭއަކާ ވެސް މަޖިލިސް ލައިވް ކުރަމުން ގެންދިޔައެވެ. ނަމަވެސް އެގޮތަށްވެސް މަޖިލީހުގެ ޖަލްސާތައް ނުގެނެސް ޕީއެސްއެމްގެ އިސްވެރިން ނިންމާފައިވަނީ ދެން މަޖިލީހުގެ ޖަލްސާތައް ލައިވް ނުވުކުރުމަށެވެ.
މަޖިލިސް ޖަލްސާތައް ލައިވް ކުރުން މެދުކަނޑާލީ ރިޔާސީ އިންތިޚާބަށް 4 މަހަށް ވެފައި ވަނިކޮށް މަޖިލިސް ތެރެއިން ސަރުކާރަށާއި، ރައީސް ޞާލިހަށް ބޮޑެތި ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ