ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދަނީ ލަހުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިލަމާލެ ބްރިޖު މަޝްރޫއާއި ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށްގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫގެ ދަށުން 4 ރަށެއް ގުޅުވާލާނެއެވެ. އެއީ މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުއްޓެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާއިރު މިވަގުތުވެސް މާލެއާއި ވިލިމާލެއާއި ގުޅީފަޅުގެ ބްރިޖް ސައިޓްގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އިބްރާހިމް ރަޝީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ލަސްވުމެއް އެޅޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބްރިޖުގެ ކޮންޓްރެކްޓުގެ މުއްދަތު އިރުތު ކުރުމުގެ ވިސްނުމެއް ނުގެން ގުޅުއްވާކަމަށެވެ.
ކޮންޓްރެކްޓާގެ މަސައްކަތުގެ ޝެޑިއުލްއަށް ބަލާފައި އެބަހުރި ޑިލޭސް. މިހާތަނަށް އަންނަންވާ ހިސާބަށްނޫން އައިސްފަ ހުރީ.
– މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ތިލަފުއްޓާއި ހަމައަށް ބްރިޖް ގުޅާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދާއި ހަމައަށް ނިންމުމަށް ސަރުކާރުން ވަނީ ޢަމާޒު ހިފާފައެވެ. މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.
މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ވިދާޅުވީ ބްރިޖުގެ ގިނަ މަސައްކަތްތައް ކުރިއަށްދަނީ ގުޅީފަޅުގައި ކަމަށެވެ. ގުޅީފަޅުގައި މިހާރުވެސް ބްރިޖުގެ ތަނބުތަކާއި ގުޅާލާ އެކްސްޓެންޝަންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. މި ބްރިޖަކީ ކުރީގައި އެޅި ބްރިޖާއި ޚިލާފަށް ޓެމްޕްރަރީ ބްރިޖެއް ނާޅައި މަސައްކަތް ކުރިއަށްދާ ބްރިޖެއް ކަމަށެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށް އެބަދޭ. ގުޅިފަޅުގެ ކާސްޓިން ޔާޑުގައި ޓެކްސް އެކްސްޓެންޝަންތައްވެސް އެބަ ހަދަމުން ގެންދޭ. ދެން މިބްރިޖް އަޅަމުން ގެންދާނީކީއެއް ކުރިން އަޅުގަނޑުމެންނަށް ފެނުނު ބްރިޖާއި އެއްގޮތަށް ޓެމްޕްރަރީ ޕްލެޓްފޯމެއް ހަދާފަ ދެން އަސްލު ބްރިޖު އަޅަނީކީ ނޫން. ޖަހަމުންދާ ތަނބުތަކަކީ އަސްލު ހުންނާނެ ތަނބުތައް. އޭގެ ތެރެއިން ދެތަނބު ނޫނިއްޔާ އެއީ ޓެސްޓް ޓްރައިލްއަށް ޖެހި ދެ ތަނބު. ދެން އަސްލު ޖަހަމުން އެދަނީ އަސްލު ޖަހާ ތަނބުތައް.
– އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބްރިޖު މަޝްރޫއު މިހާރުވެސް ކުރިއަށްދާ ކަމަށާއި އެގޮތުން ގުޅީފަޅު ކާސްޓިން ޔާޑުގައި ޑެކް ސެކްޝަންތައް ހަދަމުންދާ ކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ ތިލަމާލެ ބްރިޖު މަސައްކަތަށް އެންމެ ފުރަތަމަ ޖެހި ދެ ތަނބަކީ ޓެސްޓު ދެ ތަނބު ކަމަށާއި އޭގެ ފަހުން ޖަހަމުންދާ ތަނބުތަކަކީ ބްރިޖުގެ އަސްލު ތަނބުތައް ކަމަށެވެ.