ރާއްޖޭގައި މިހާރު އޮތް ޔުނިޓަރީ ދައުލަތުގެ ނިޒާމު ފެޑެރަލް ނިޒާމަކަށް ބަދަލު ކޮށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެން މިވާހަތައް ދެއްކެވިއިރު، އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަންގައި އެދިފައެވެ.
ރާއްޖޭގެ މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ނިޒާމާއި، ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރެއްވުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ވަނީ ރޭ ދިއްދޫގައި މިކަން ކުރަންވީ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ފެޑްރަލް ނިޒާމަކީ އެމެރިކާގައި އޮންނަ ފަދަ ނިޒާމެކެވެ. އެއީ ކޮންމެ ސްޓޭޓެއްގައި (ރާއްޖޭގައި ނަމަ ކޮންމެ އަތޮޅެއްގައި) ވަކި ގާނޫނު ހަދާ މަޖިލީހަކާއި، ޝަރުއީ ނިޒާމެއް އޮވެ އަދި އެސަރަހައްދަކަށް ލިބޭ އާމްދަނީއެއް އެސަރަހައްދަކަށް ލިބޭ ގޮތައް އޮންނަ ނިޒާމެކެވެ. ރާއްޖޭގައި މިހާރު އޮންނަނީ ޔުނިޓަރީ ނިޒާމެކެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އަމަލު ކުރަމުންދާ ޔުނިޓަރީ ނިޒާމު ބަދަލު ކުރުމަށް ވިސްނުން ނުގެން ގުޅުމަކީ އޭގެ ގެއްލުން ޖީލުތަކަށް ކުރާނެ ކަމެއްކަމަށެވެ. ރާއްޖޭގެ ދިގު މާޒީގައިވެސް އަދި މިހާރުގެ ޑީމޮކްރަސީގެ ތެރެއިންވެސް ތަޖުރިބާ ކުރަމުންދަނީ ވަރަށް އުދަގޫ ދުވަސްތަކެއް ކަމަށެވެ. ބަޢާވާތް ކުރުމާއި، ވެރިކަން ބަދަލު ކުރުމާއި، މަޖިލިސްގެ ނުފޫޒު ބޭނުންކޮށްގެން ތަފާތު ކަންކަން ހިންގުމަކީ މިއަދުގެ ނިޒާމުގެ ތެރެއިން ފެންނަ މަންޒަރުކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަދު ފެޑެރަލް ނިޒާމަކަށް ބަދަލުވާން އަޅުގަނޑުމެން ނުވިސްނައިފިނަމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ. އިޤްތިޞާދީ ތަނަވަސްކަމާއި އެކީގައި ފަލްސަފާއެއް ގަބޫލުކުރެވެން ފެށީމާ ދެން ކާމިޔާބު ހޯދުމަށް ޒުވާނުން ނުނިކުންނާނެކަމަށް އިންސާނީ ތަޖުރިބާއަށްވެސް ގައުމު ތަކުގެ ހަޔާތެއްވެސް ދައްކާފަކާއެއް ނެތް.
– ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގިނަ ކަމަށެވެ. ފެޑެރަލް ނިޒާމަކަށް ބަދަލުވުމާއި އެކުގައި ވެރިކަން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި އެތައް ދިވެހިން ދެކެމުންދާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިފުރުސަތު ތަނަވަސް ކުރުމަށް އެންމެ ކުޑަމިނުން ރައްޔިތުންނާއި ހަމައަށް މިމައްސަލަ ގެންދިއުމަކީ ކުރަންޖެހޭ ކަމެއްކަމަށެެވެ.
ނަޝީދު ވިދާޅުވީ މީގެ 17 އަހަރު ކުރިން ފެންނަ ނުފެންނަ ވޯޓު ނަގާފައި އޮތް ނަމަވެސް މިއަދު އެކަން އަލުން ކުރަންޖެހޭކަމަށެވެ. އެކަން ކުރަންޖެހެނީ ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުންނާއި ޤައުމުގެ ދަރަންޏާއި، ސިޔާސީ ކަންކަމާއި ހުރިހާ ކަމަކަށްބަލާއިރު އަންނަން އޮތް ޖީލުތަކަށް ގައުމު ހަމަ މިސްރާބަށް ގެންދެވޭނެ ހަމައެކަނި ނިޒާމަކީ އެނިޒާމަށް ވުމުންކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯދުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ މަރުކަޒީ ގޮތުން އޮތް ބާރުވެރިކަން ދޫކޮށްލުންކަމަށެވެ. ދިވެހިންނަށް ހައްގު މިންވަރު ހޯދައިދެވޭނީ އެމީހުން ކުރާ މަސައްކަތަށް ހައްގު އުޖޫރައާއި ތަނަވަސްކަން އަމިއްލަ ފަސްގަނޑުގައި ތިބެގެންކަމަށެވެ.
ދިވެހިންނަށް ހައްގު މިންވަރު ހޯދުމަށްޓަކައި އަދި އަޅުގަނޑުމެންގެ ތަނަވަސް ތަރައްޤީއެއް ލިބިގަތުމަށްޓަކައި އަޅަންޖެހެނީ އެއްގަމު ތޮއްޓެއްނޫން. އަޅަންޖެހެނީ މަލްޓިޕާޕަސް ހޯލެއް ނޫން. އަޅަންޖެހެނީ މަގެއްވެސް ނޫން. ދޭންޖެހެނީ ބާރު. ދޫކޮށްލަންޖެހެނީ ކަސްތޮޅު. ހެދި ފޯދި ދިއުމަށް ފުރުސަތު ދޭންވީ. ފިތުރަތުގެ ނިޒާމަކީ ހެދި ފޯދި ދިއުން. އޮބެހެއްޓުން ހިފެހެއްޓުން އެއީ ތަރައްޤީއަށް އެޅޭނެ އެންމެބޮޑު ހުރަސް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިމުގެ މިލްކުވެރިކަމާއިއެކު ދަރަންޏަށް ޒިންމާވުމުގެ ހައްގު ލިބިދޭންޖެހޭކަމަށެވެ. މިއަދު ރާއްޖޭގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، އެދަރަނީގެ ބޮޑުބަޔަކީ މާލެ ސަރަހައްދަށް ހޭދަކުރި ހޭދަ ކުރުމެއް ކަމަށެވެ. ނަމަވެސް އޭގެ ޒިންމާވެސް މިހާރު ރައްޖޭގެ ހުރިހާ ރައްޔިތުން ނަގަން ޖެހޭކަމަށެވެ. މިއީ ބަދަލު ކުރަންޖެހޭ އަދި ބަދަލު ގެންނަންޖެހޭ ކަންތައްތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
2 Responses
ނަސީދުރަގަޅުވާނީީ އެހެންގައުމެއްގެެ ވެރިކަމާވަހާލުވިއްޔާާ އޭގެކުރިންވެސްް ބޮލުގެޓެސްޓެއްް ހަދާލަންފެނޭޭ ރާއްޖެއަކާނުގުޅޭޭ ވަރައްް ސަލާމްް
ނަޝީދު ރޭގައި ފަރިއްކުޅުއްވި އެއްޗެއް ބަލަން އެބަޖެހެއެވެ. ދިވެހިން ތިބީ ހަމަހޭގައެވެ. ތިޔަ ހަދަން އުޅޭ އެތި ރަގަޅަށް އެނގެއެވެ.