ޖަރުމަނު ލީގުގައި ރޭ 10 ކުޅުންތެރިންނާ އެކު މެޗު ނިންމާލި އޮއުސްބާގް އަތުން 3-0 އިން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑުން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މެޗުގެ 38 ވަނަ މިނެޓުގައި އޮއުސްބާގްގެ ފެލިކްސް އޮޑޫޚައި އަށް ރަތް ކާޑެއްް ދެއްކުމާ ގުޅިގެން އެ ޓީމުން ދެވަނަ ހާފު ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. މުޅި މެޗުގެ ކޮންޓްރޯލް ނަގާފައިވާ ޑޯޓުމަންޑުން ގޯލަށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާފައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ޑޯޓުމަންޑުގެ ސަބަސްޓިއަން ހޯލާ ވަނީ އެ ޓީމަށް ކުރި ހޯދަދީފައެވެ. އޭނާ ވަނީ 84 ވަނަ މިނެޓުގައި ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، ލީޑު ފުޅާކޮށްދީފައެވެ. ޑޯޓްމަނޑުގެ ތިންވަނަ ލަނޑު ފަހު ހާފުގެ އިތުރު ވަގުތުގައި ޖަހާފައިވަނީ ހޫލިއަން ބްރާންޓް އެވެ.
ލީގުގައި ބާކީ އެންމެ މެޗެއް ކުޅެން އޮތް އިރު، ޑޯޓްމަންޑް ވަނީ 70 ޕޮއިންޓާއެކު އެއްވަނައަށް ޖެހިލާފައެވެ. ހޮނިހިރު ދުވަހު ލައިޕްޒިގް އަތުން ބަލިވި ބަޔާން އޮތީ 68 ޕޮއިންޓާއެކު ދެވަނައިގައެވެ. ފަހު މެޗުގައި ޑޯޓްމަންޑް ނުކުންނާނީ މެއިންޒް އާ ދެކޮޅަށެވެ. ޑޯޓްމަންޑުން ނުކުންނާނީ ބަޔާން އިން ޖަރުމަނު ލީގު ކާމިޔާބުކުރުމުގެ ސިލްސިލާއަށް ނިމުމެއް ގެންނާށެވެ.