ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް ސޮަސިއެޑާޑުން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާ 2-1 އިން ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ ކޮޅަށް ރޭގެ މެޗުގައި ސޮސިއެޑާޑުން ވަނީ ފަސް ވަނަ މިނިޓްގައި ލީޑުނަގައިފައެވެ. ސޮސިއެޑާޑަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު މިކޭލް މެރީނޯ ވަނީ އެ ޓީމަށް ކުޅޭ ފޯވާޑް އަލެކްސަންޑާ ސޯލޯތު ދިން ބޯޅައަކުން ގޯލު ޖަހައިފަ އެވެ. މިއީ އޭރިއާތެރެއިން މެރީނޯ ހަމަޖެހިލައިފައި ޖެހި ގޯލެކެވެ.
ނަތީޖާ ހަމަހަމަކުރަން ބާސެލޯނާ އިން މަސައްކަތް ކުރި ނަމަވެސް ދެން ވެސް މި މެޗުގައި ފެނިގެންދިޔައީ ސޮސިއެޑާޑްގެ ގޯލެކެވެ. ސޮސިއެޑާޑަށް ލީޑުފުޅާކޮށްދިނީ މެޗުގެ 72 ވަނަ މިނިޓްގައި ސޯލޯތުއެވެ. ބާސެލޯނާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ. ބާސެލޯނާގެ ފެރާން ޓޮރޭޒް ދިން ބޯޅައަކުން މި ލަނޑު ޖެހީ ރޮބަޓް ލެވަންޑޯސްކީއެވެ. އިތުރު ގޯލެއް ޖަހައި، އެއްވަރުކުރަން ބާސެލޯނާ އިން އުޅުނު ނަމަވެސް އެކަން ކާމިޔާބުނުވެ، މެޗުން ބަލިވީއެވެ.
ސޮސިއެޑާޑް ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބަލިވެފައިނުވާއިރު، އެ ޓީމު އޮތީ 35 މެޗުން 65 ޕޮއިންޓް ހޯދައިގެން ލީގުގެ ހަތަރު ވަނައިގައެވެ. ރޭގެ މެޗަށް ފަހު ބާސެލޯނާ އިން ވަނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލީގު ތަށި އުފުލާލައިފައެވެ. ބާސެލޯނާ އިން 2019 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމު އެއް ވަނައިގައި މި ވަގުތު އޮތީ 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 34 މެޗުން 71 ޕޮއިންޓް ލިބިފައެވެ.
ކޮމެންޓު ފޮނުވާ