މޮރިޝަސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ފަރާތުން ބަންޑާރަނައިބަށް ފޮނުވައިފިއެވެ.
ބަންޑާރަނައިބުގެ އިތުބާރުގެ މައްސަލައިގެ ނޯޓިސް ފޮނުވާފައިވާކަން މަޖިލީހުގެ ރިޔާސަތުން ހާމަކުރެއްވީ މަޖިލީޙުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ 13 މެމްބަރަކު ސޮއި ކުރައްވާ ހުށަހަޅާފައިވާ ކަމަށާއި އެކަމާއި ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު މައްސަލައިގެ ނޯޓިސް ބަންޑާރައިބަށް ފޮނުވާފައިވާ ކަމަށެވެ.
ބަންޑާރައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓީސް ފޮނުވާފައި ވަނީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ
(ހ) ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސް ކުރީން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެ ކަން އަންގާންވާނެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެއެވެ.
(ނ) ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތު، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެނަމައެވެ.
(ރ) ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން ވަކިވީއެވެ.
ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެމްބަރުންނެވެ.
ބަންޑާރަނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު ޕީޕީއެމް، އާއި ޕީއެންސީ އަދި ޖޭޕީގެ އިތުރުން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުންއަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރެޑްވޭވް ސަލީމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ސަލީމް ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން މައްސަލަ މަޖިލީހަށް ހުށަހެޅީ 10 މެމްބަރުންގެ ސޮޔާއިއެކު ކަމަށާއި އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުމަށް ބޭނުންވާ އަދަދަށް ވޯޓު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމު ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސްވެރިންތަކެއް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ޖެހުނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބައެއް ދިވެހި ސަރުކާރުން މޮރިޝަސްއަށް ވިއްކާލުމާ ގުޅިގެންނެވެ.