ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ހުށައަޅަން ޕެޓިޝަނެއްގައި ސޮއިކުރަން އިދިކޮޅު ފަރާތްތަކުން ފަށައިފި އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ދާދިފަހުން ވަނީ ނިންމާފަ އެވެ. ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.
އިޓްލޮސްގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސް އަށް ގޮސްފައިވާ ކަމަށް ސަރުކާރާއި ދެކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރައީސް ޞާލިހަށް ހުށަހަޅަން ތައްޔާރުކުރަމުންދާ ޕެޓިޝަނަކީ "ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދު" ގެ ނަމުގައި އުފައްދާފައިވާ އިއްތިހާދުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެ އިއްތިހާދުގައި ހިމެނެނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، ޖުމްހޫރީ ޕާޓީ، "ފިކުރެއްގެ ދިރުން" އަދި އެމްއެންޕީގެ އިތުރުން ކުރީ ބަނޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އާޒިމާ ޝަކޫރު އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
މި ޕެޓިޝަނުގައި މިއަދު ސޮއިކުރަން ފެށިއިރު އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ސޮއިކުރައްވާފަ އެވެ.
ޕެޓިޝަނާއި ގުޅޭގޮތުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ މި ޕެޓިޝަނަށް ހުރިހާ އިދިކޮޅު ޕާޓީއަކާއި، މައްސަލާގައި އިއްތިހާދާއި އެކު ހަރަކާތްތެރިވާ ފަރާތްތަކުން ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ ބައެއްގެ ސޮއި މި ޕެޓިޝަނަށް ބޭނުންވާ ކަމަށާއި މިއީ މައްސަލާގައި ޤާނޫނީ ގޮތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތައް ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ކަނޑު ވިއްކާލުމާއި ދެކޮޅަށް ހާއްސަ ހަރަކާތެއް އަންނަ ޖޫން މަހު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓު ފޮނުވާ