އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރުން އެއްރޫހެއްގައި ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.
ރައީސް މިގޮތަށް އެދިވަޑައިގަތީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އެމްޑީޕީގެ ޕީޖީ ގްރޫޕާއި ބައްދަލުކުރައްވާފައިމިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ދެފެކްޝަން އުފެދި ބޮޑެތި ޚިޔާލްތަފާތުވުންތަކެއް އުފެދިފައިވާ ދުވަސްވަރެއްގައެވެ. މި ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށް އިލެކްޝަނުން ވަނީ މިހާރު މަޖިލީހަށްވެސް އެކަން އަންގާފައެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަވަސްކޮށްގެން ސަރުކާރުގެ ވައުދު ފުއްދުމުގެ ގޮތުން މަޖިލީހުގެ ތެރެއިން ކުރަން ހުރި ކަންކަން އަވަހަށް ކުރުމާ ގުޅޭގޮތުން ކަމަށް މައުލޫމާތު ދެއްވި މެންބަރަކު ވިދާޅުވިއެވެ.
މަޖިލީހުގައި ހުރި މައްސަލަތައް އަވަސް ކުރުމަށާއި މަޖިލީހުގެ ރިޔާސަތުން ގަވާއިދާ ހިލާފަށް ކަންކަން ކުރާ ނަމަ މަޖިލީހުގެ ގަވާއިދުގައި އޮތް ގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށް ރައީސްގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ ބޭފުޅަކު މި ނޫހަ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިސަރުކާރުގެ ބައެއް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް މަޖިލީހަށް ހުށަހަޅަމުންދާތީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން އެއްރޫހެއްގައި ތިބެ މިމައްސަލަތަކުގައި ސަރުކާރަށް ގެއްލުމެއް ނުވާ ގޮތަށް އަމަލުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް މެންބަރަކު ވިދާޅުވިއެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ