އައްބާސް ކޯޓަށް ހާޒިރު ނުކުރެވި ޝަރީއަތް ނުފެށިފަ

އައްބާސް ކޯޓަށް ހާޒިރު ނުކުރެވި ޝަރީއަތް ނުފެށިފަ

Author
މުޙައްމަދު ޝަޒައިމް
16 މެއި 2023 01:45
0

އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލި މައްސަލަ އާއި ކްލަބްހައުސްގައި ދެއްކި ވާހަކަތަކާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވާ އައްބާސް އާދިލް ރިޒާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުނުވުމުން އޭނާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މާލޭގެ އެކި ތަންތަނާއި އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅު ޖަހަން ގޮވާލި މައްސަލައިގައި ދައުލަތުން އައްބާސްގެ މައްޗަށް އުފުލީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ހެނދުނު 10:00 އަށް ތާވަލު ކުރި ނަމަވެސް، ކޯޓުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އަޑުއެހުމަށް އައްބާސް ހާޒިރުނުވުމުން ކަމަށެވެ.

ދައުލަތުން އައްބާސްގެ މައްޗަށް އުފުލާފައިވާ ދައުވާގައިވާ ގޮތުން އޭނާ ވަނީ ޑިސެމްބަރު 22، 2022 ގައި ކްލަބްހައުސްގައި ވާހަކަ ދައްކަމުން، ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހިގެން މާލޭގެ އެކި ތަންތަނުގައި ހުޅު ރޯކުރަން ގޮވާލައިފައެވެ.

އޭގެ އިތުރުން، ޖެހިގެން އައި ދުވަހު އޭނާގެ ނަމުގައިވާ ޓްވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލައި ޓްވީޓުކޮށްފައިވާ ކަމަށް ދައުވާގައިވެއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އައްބާސްއަކީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރި މީހެކެވެ. އޭނާ އަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ތަރުޖަމާނުކަން ކުރެއްވުމުގެ އިތުރުން އެ ވެެރިކަމުގައި ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރި މީހެކެވެ. އޭގެ ފަހުން، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި މެލޭޝިޔާގައި ހުންނަ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމާއި މީރާގެ ބޯޑު މެމްބަރުކަމުގެ މަގާމު ރައީސް ޔާމީންގެ ވެރިކަމުގައި ފުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.