ވަރުގަދަ އެކްޝަން މަންޒަރުތަކަކާއި އެކުގައި ގެނެސްދިނުމަށް ނިންމައިފައިވާ "އިންޑިއަން ޕޮލިސް ފޯސް" މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރީމިއާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެއްޓީގެ "ކޮޕް ޔުނިވާސް"ގެ ފުރަތަމ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" މީގެ ކުރިން މިއަހަރު އެޕްރިލް މަހު ބެލުންތެރިންނަށް ގެނެސްދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މަސައްކަތް ފުރިހަމަ ނުވާތީ އެ ސީރިޒް ނެރުން ފަސްކޮށްލީއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑިއާތަކުން ބުނީ ޝޫޓިން ނިންމާފައި އޮތް ސީރީޒް ބެލުންތެރިންނަށް ދޫކޮށްލަން މަސައްކަތް ކުރަނީ ނޮވެމްބަރު ތެރޭގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް ކަމަށެވެ. އެކަމަކު މިކަން އަދި ރޯހިތު ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި މި ސީރީޒްއަކީ ގިނަ އަދަދެއްގެ ތަރިންނާއި އެކުގައި ރޯހިތު ގެނެސް ދޭ އެއްޗެކެވެ. މި ބެސް ސީރީޒް އަކީ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާއި ޒުވާން އެކްޓަރު ސިދާތް މަލޯތްރާ އޯޓީޓީ ޕްލެޓްފޯމް އަށް ތައާރަފްވާ އެއްޗެކެވެ. އަދި އެދެމީހުންގެ ވެސް އަލަތު ވެބް ސީރީޒްއެވެ.
އެންމެ ފަހުން ރޯހިތު ގެނެސްދިން ފިލްމް އަކީ "ސާކަސް"އެވެ. ނަމަވެސް އެ ފިލްމް ވެގެން ގޮސްފައިވަނި ބޮޑޫ ފްލޮޕްއަކަށެވެ. ފިލްމްގެ މައިގަޑު ކާސްޓަކީ ރަންވީރު ސިންގް އާއި ޖެކުއަލިން ފެނާންޑޭޒް އަދި ޕޫޖާ ހޭގްޅޭއެވެ. ފިލްމް އަކީ ރަންވީރު ޑަބަލް ރޯލުން ފުރަތަމަ ފަހަރަށް ފެނިގެން ދިއަ ފިލްމްވެސް މެއެވެ.
ކޮމެންޓު ފޮނުވާ