ކޮންމެ މީހަކު ޢަޒުމް ކަނޑައަޅަންވީ، ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ކޮންމެ ކުއްޖަކީ ވެސް، ޤައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން މުޅި މުޖްތަމަޢާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަކީ ޤައުމުގެ ކުރިމަގަށްޓަކައި މުޑުވައްކުރާ ނިރުތަކަކަށް ވާއިރު، އެ ކުދިން ތަރުބިއްޔަތުކުރުމުގައި، އެ ވަގުތަކު ޤައުމުގައި ހުރި އިޖްތިމާޢީ ހުރިހާ މައްސަލަތަކަށް ރިޢާޔަތްކުރަންޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހައްޤުތަކާއި، އަދި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމާއިމެދުވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާ އިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ޙައްޤަކީ، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ބެލެނިވެރިންގެ އޯގާތެރިކަމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި ބަލައިބޮޑުކޮށް ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުންކަމަށެވެ. މީގެ އިތުރުން ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް، ކުޑަކުއްޖެއްގެ ޢުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރި ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މުޖުތަމަޢުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ، އެ ތަނެއްގައި ދިރިއުޅޭ ކުޑަކުދިން ކަމަށްވާތީ، އެ ކުދިންގެ އިންސާނީ ކަރާމާތާއި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އެޅިފައިވަނީ އެ މުޖުތަމަޢެއްގައި ދިރިއުޅޭ ބޮޑެތި މީހުންގެ ކޮނޑުގަ. އަޅުގަނޑުމެން ކޮންމެ މީހަކު ޢަޒުމް ކަނޑައަޅަންވީ، ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށް. އަދި ކޮންމެ ކުއްޖަކީ ތިމާގެ ފަރާތުން ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަމުގައި ހެދުމަށް.
– ރައީސް ވިދާޅުވިއެވެ.
މިއަދު ފާހަގަކުރާ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވަނީ، ދިވެހިރާއްޖޭގެ ކުޑަކުދިންނަށާއި، މައިން ބަފައިންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށްވެސް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ކޮމެންޓު ފޮނުވާ