މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އެޕާޓީގެ ނާއިބު ރައީސް މުހައްމަދު އިޔާދު ޙަމީދު ހަމަޖައްސައިފިއެވެ.
ކުރިޔަށް އޮތް ރިޔަސީ އިންތިޚާބަށް އަދާލަތު ޕާޓީން މިހާރުވަނީ ވެރިކަންކުރާ އެމްޑީޕީއާއި ކޯލިޝަން ހަދާ، ރައީސް ސާލިހަށް ތާއިދުކުރުމަށް ނިންމާފައެވެ.
އަދާލަތު ޕާޓީން ބުނެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ އެޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އިޔާދު ހަމަޖައްސާފައިވަނީ ރޭ ބޭއްވުނު އެ ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 23 ވަނަ ބައްދަލުވުމުންކަމުގައެވެ.
އަދި ހަމަ މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ކެމްޕޭނު ވިލަރެސް ކުރުމަށްޓަކައި ސްޓިއަރިންގ ކޮމިޓީގެ ގޮތުގައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމީޓީއެއް ވަނީ އުފައްދާފައިވާކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
މި ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ:
ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު
– ނައިބު ރައީސް އަހުމަދު ޝަރީފު
– ނައިބު ރައީސް ޑރ. ނައުޝާދު މުހައްމަދު
– އަމީން އާންމު އަހުމަދު ޝިޔާޒު
– އަމީން އާންމުގެ ނައިބު ޝައިޚު އަބްދުﷲ ރަޝީދު
– އިސްތަރުޖަމާނު އަލީ ނަޒީރު
– ރަޖިސްޓްރާ ޝާފިއު އަލީ
– ހަރަކާތު ކޮމިޓީގެ މުގައްރިރު އާދަމް މުހައްމަދު
– އިގުތިސޯދީ ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ
– އުމްރާނީ ތަރައްގީގެ ކޮމިޓީގެ މުގައްރިރު އަލީ ޝަރީފު
– ސްޓްރެޓެޖިކް ޕޮލިސީ ކޮމިޓީގެ މުގައްރިރު ޑރ. އަހުމަދު އިނާޒު
– ގާނޫނީ ކޮމިޓީގެ މުގައްރިރު އިބްރާހިމް ފަޔާޒު
– ތައުލީމު ކޮމިޓީގެ މުގައްރިރު ޝައިޚު މުހައްމަދު ޝިފާން
އަދާލަތު ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމާފައިވާއިރު، އެޕާޓީއަކީ މިހާރުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އަދި އެޕާޓީގެ އެންމެ އިސް ފަރާތްތައް މިހާރުވެސް ތިއްބެވީ ރައީސް ސާލިހުގެ ސަރުކާރުގެ އިސް މަގާމްތަކުގައެވެ.