ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމެވި ނިންމެވުން ފަޑިޔާރުންގެ މަޖްލިސް އަށް އެޕީލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިމައްސަލަ ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރާއި އޭނާގެ ޓީމުން ސްޕްރީމް ކޯޓަށް ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކުރުމަށެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރު ރައީސް ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރުމުގެ މައްސަލާގައި ރާއްޖެ އިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަން ހާމަ ކުރުމަށެވެ. އެ ސިޓީފުޅު ބާތިލް ކުރުމަށާއި ސިޓީފުޅު ހާމަކޮށް އަދި އެއާ ގުޅިގެން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅެއްގެ ފަރާތުންނެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމާވާފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ ގޮތަށް ނިންމިޔަސް، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު ލިބެއެވެ.
މިއަދު އުމަރު ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ނަންބަރު: 6/96 "ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ގާނޫނު" އަދި ހަމައެހެންމެ ރާއްޖެެ ސޮއިކޮށްފައިވާ "އިންޓަނޭޝަނަލް ލޯ އޮފް ދަ ސީ" މުޢަހަދާ އާއި، އަދި ރައްޔިތުންގެ މަޖްލިސްގެ ލަފައެއްވެސް ހޯދުމަކާއިނުލައި، ޣައިރު ދުސްތޫރީ ގޮތަކަށް ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތު އިންތިހާއަށް އޮތްކަމެއްގައި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު މޮރިޝަސް އަށް ދޫކޮށްލި މައްސަލައާއި ގުޅިގެން އޭނާއާއި، އަދި ބައިވެރިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމިނިންމުން، ފަޑިޔާރުންގެ މަޖްލިސް އަށް އެޕީލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު މަސައްކަތްތައް ކުރަމުންދާ ގޮތުން މިފެށޭ ހަފްތާގައި އަލުން މައްސަލަ ހުށަހެޅޭނެކަމަށެވެ. ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެ އަށް 47،000 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،000 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.