ސަސްޕެންޝަންގައި ހުރެ، ރަސްމީ ދަތުރެއްގައި ސިރާޖު ޗައިނާއަށް!

ސަސްޕެންޝަންގައި ހުރެ، ރަސްމީ ދަތުރެއްގައި ސިރާޖު ޗައިނާއަށް!

Author
ހުސެއިން
09 މެއި 2023 12:12
0

ފާއިތުވި ހަފްތާގައި ޕީސީބީން ސަސްޕެންޑް ކޮށްފައިވާ ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖު އެކުންފުނީގެ ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގެން އުޅުއްވާކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

ޚަބަރު އޮންލައިން މައުލޫމާތުދިން ފަރާތުން ކިޔައިދިން ގޮތުގައި ސިރާޖު ޗައިނާއަށް ވަޑައިގެން އުޅުއްވަނީ ވެމްކޯގެ ޓިމަކާއެކު، އެ ކުންފުންނަށް ބޭނުންވާ ބައެއް ވެހިކަތަކާއި މެސިނަރީތައް ހޯދުމަށެވެ. އަދި އޭނާ ޗައިނާއަށް ވަޑައިގެންފައިވަނީ މިހަފްތާފައިކަމަށްވެސް ވަނީ މައުލުމާތު ލިބިފައެވެ.

ވެމްކޯގެ އެމްޑީް ޔޫސުފް ސިރާޖު 14 ދުވަހަށް ޕީސީބިން ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ވެމްކޯގެ މުވައްޒަފަކު ޚަބަރު އޮންލައިންއަށް މައުލޫމާތު ދީފައިވާ ގޮތުގައި ޕީސީބިން ޔޫސުފް ސިރާޖު ސަސްޕެންޑް ކޮށްފައިވަނީ ވެމްކޯގައި ކުރިޔަށްދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކަށް އޭނާ ނާޖާއިޒު ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުގައެވެ. އަދި މިމައްސަލަ މިނިވަންކަމާއެކު ބެލުމުގެ ފުރުސަތު ހަނި ކުރުމުގެ ގޮތުން، މައްސަލަ ބަލާ ކޮމިޓީގެ މުގައްރިރު ބަދަލު ކޮށްފައިވާކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

ވެމްކޯގެ އެމްޑީކަމަށް ޔޫސުފް ސިރާޖު އައްޔަން ކޮށްފައިވަނީ، އެމަގާމުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރިން ހުންނެވި އާދަމް މުޙައްމަދު އެމަގާމުން ފާއިތުވި އަހަރުގެ މާރޗްމަހު ވަކިކޮށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަން ކުރުމަށްފަހުއެވެ.

އެއަށްފަހު ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް ސިރާޖު ހަމަޖައްސަވާފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

އޭނާ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ، ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު، ނޮވެމްބަރު 2019 ގައި އެވެ. އޭނާވަނީ އޭގެ ކުރިން، 2011-2014އަށް ހއ. އަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސް ކަންވެސް ކުރައްވާފައިވެ އެވެ.

އެހެންނަމަވެސް އޭރު އޭނާ އަތޮޅު ކައުންސިލް ރައީސްކަމުން އިސްތިއުފާ ދީފައިވަނީ މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ތައްޔާރު ވުމާއި ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.