ފުއްގިރި މައްސަލައިގެ ޝަރީއަތް ކުރިޔަށްދާ ގޮތް ތަހައްމަލް ނުކުރެވޭ ކަމަށާއި، އެ މައްސަލާގައި ދައުލަތުން އަމުލުކުރާ ގޮތުން، ނަފްސާނީ މައްސަލައެއް އުޅޭކަމަށް ހީފުޅު ކުރެއްވޭކަމަށް، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ސުޕްރިމް ކޯޓުގައި މިއަދު ކުރިޔަށްދިޔަ ޔާމިންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ފުއްގިރި މައްސަލައިގެ ދައުވާގެ އިސްތިއުނާފްގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ އެމަނިކްފާނުގެ ގާނޫނީ ވަކީލުންނަކީ ހަމައެކަނި އެންމެ މައްސަލައަކަށް ޚާއްސަވެގެން، މިމައްސަލަ އެކަނި ބަލަހައްޓާ ބައެއް ނޫންކަމުގައެވެ. އެހެންކަމުން އަވަސް އަރުވާލައިގެން ދަށު ކޯޓުގައި މައްސަލަ ކުރިޔަށް ގެންދާތީ ހައްގުތަކެއް ގެއްލިގެންދާ ކަމުގައި ޔާމިން ވިދާޅުވިއެވެ.
އަޅުގަނޑަކަށް ކޯޕެއް ނުކުރެވޭ އިއްޒަތްތެރި ފަނޑިޔާރު. ހަމަ ތެދަށް މި ދަންނަވަނީ، އަޅުގަނޑަކަށް ކޯޕެއް ނުކުރެވޭ. އެހެންވީމަ ދައުލަތަށް ގެއްލޭނެ މަސްލަހަތެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ދައުލަތުގެ އަސާސީ ހައްގެއްވެސް ނުގެއްލޭ.
ޝަރީއަތް ކުރިޔަށް ގެންދަނީ ތަހައްމަލްކުރަން އުދަގޫ ބީދައަކުން ކަމަށް މޭރުން ކުރައްވަމުން ޔާމިން ވިދާޅުވިއެވެ.
ސުޕްރިމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ އެމަނިކްފާނަކީ ގައިދީއަކަށް ވިނަމަވެސް، ވަކީލުންނާއިއެކީގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބެމުން ނުދާކަމުގައެވެ.
އަދި ވިދާޅުވީ ދައުލަތުން މައްސަލާގައި އަމަލު ކުރަމުންދާ ގޮތުން، އެމަނިކްފާނުގެ ނަފްސާނީ މައްސަލައެއް އުޅޭތޯވެސް ބައެއްފަރަހަށް ހިތްޕުޅަށް އަރަމުންދާ ކަމަށެވެ.
ހަމަ ތެދު ތެދަށް ދަންނަވާކަމަށް ވަންޏާ މިހާރު މި މައްސަލަތަކުގައި ދައުލަތުން މި އަމަލުކުރާ ގޮތުން ހަމަ ހަގީގަތުގައިވެސް އަޅުގަނޑު ހިތައް އަރާ އަޅުގަނޑުގެ ހަމަ ނަފްސާނީ މައްސަލައެއް އުޅެނީ ބާއޭ. އަޅުގަނޑަށް ކޯޕް ނުކުރެވޭވަރަށް މިހާރު މިކަންކަން މިދަނީ.
ޔާމީން ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ ހެކި ނެގުމަށް އެއްދުވަހަކަށް 4 މީހުން ޝެޑިއުލް ކުރަމުންދާ ކަމަށާއި، ގާނޫނީ ވަކީލުންނާއި ބައްދަލުކޮށް ހެއްކާއިބެހޭ ގޮތުން މުތާލިއާ ކުރުމަށް ވަގުތު ލިބެމުން ނުދާކަމުގައެވެ.
ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި މިއަދު ކުރިޔަށް ގޮސްފައިވަނީ ފުރަތަމަ އަޑުއެހުމެވެ. ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އަދި މައްސަލާގެ ހެކިބަސް ނެގުން މާދަމާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އޮތީ ހަމަޖައްސައިފައެވެ.
އެހެންނަމަވެސް އެމައްސަލަ އަންނަ ހޯމަ ދުވަހާ ހަމައަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ.
ކޮމެންޓު ފޮނުވާ