ރައްޔިތުން މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ހ.ލޮބީ ހުސެއިން ހުމާމް މެރުމަށްކޮށްފައިވާ ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ކަތިވަޅިއަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީ އަފްރާޝީމް އަވާހާރަކޮށްލާފައި ވަނީ އޮކްޓޯބަރު 2، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އެ މައްސަލައިގައި ހުމާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ ހުކުމުގެ މައްސަލަ ހުމާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ. ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތައް ވަރަށް މަދު ހާލަތްތަކެއްގައި ރިވިއު ކުރެވޭނެ އުސޫލެއް ސުޕްރީމް ކޯޓުން އޮތީ ކުރިން ގާއިމްކޮށްފަ އެވެ. އެގޮތުން ކުރީގެ ބައެއް ހުކުމްތައް މިހާރުގެ ސުޕްރީމް ކޯޓުން ރިވިއުކޮށްފައިވެއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމް ފިޔަވައި އިތުރު މީހަކު ކުށްވެރިވެފައެއް ނުވެއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލަން ފަންޑު ކުރި މީހުން ހޯދައި އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް ވެސް އެޅިފައި ނެތެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމް ޖަލުގައި ހުންނަތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެނގިފައިވާ ގޮތުގައި ހުމާމް ހުންނަނީ އެހެން ގައިދީންނާ ވަކިން ގޮޅިއެއްގައެވެ. އެހެން ގައިދީންނާ ވަކިން ހުމާމް ގެންގުޅެނީ، އެއީ މީހުންގެ ތެރޭގައި ގެންގުޅެވޭ ވަރަށް ވުރެ "ނުރައްކާތެރި" ގައިދީއަކަށްވާތީއެވެ. އަދި އެހެން ގައިދީންގެ ތެރޭގައި ގެންގުޅެފި ނަމަ، ހުމާމަށް އަނިޔާއެއް ވެދާނެ ކަމަށް ބަލައިފައެވެ.