ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީތަކާއި، ރައީސް ނަޝީދު އިސްވެ އޮވެ އުފައްދާފައިވާ ފިކުރެއްގެ ދިރުމުގެ ޓީމުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މާލޭގެ ރެސްޓޯރެންޓެއްގައި އޮތް މިބައްދަލުވުމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމާއި، ޝިޔާމްއާއި، ތޯރިގު ބައިވެރިވެފައިވެއެވެ. ޖޭޕީގެ ފަރާތުން މިބައްދަލުވުމުގައި އަލީ ހުސެއިން ބައިވެރިވިއެވެ. ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ޓީމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި، އަލީ ޢާޒިމް ބައިވެރިވިއެވެ. އެމްއެންޕީގެ ފަރާތުން މިބައްދަލުވުމުގައި އުޝާމް ވަނީ ބައިވެރިވެފައެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން އެއްވެސް ތަފްސީލެއް މިހާތަނަށް އެއްވެސް ފަރާތްތަކުން ހާމަކޮށްފައި ނުވެއެވެ. ސަރުކާރާއި އިދިކޮޅު ފަރަތްތަކުން ދަނީ ޗާގޯސް މައްސާލައި ދާދިފަހުން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މިބައްދަލުވުމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއެމްވެސް ވަނީ ބައިވެރި ވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާއިރު، އިދިކޮޅު ޕީޕީއެމްއިން ނިންމާފައިވަނީ އެޕާޓީން ވާދަކުރަނީ ރައީސް ޔާމީންކަމަށެވެ. އެމްއެންޕީން ނާޒިމް ވާދަ ކުރައްވާއިރު، ޖޭޕީން ޤާސިމް ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.
ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރު ވަމުންދާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ވާދަވެރިކަން ބޮޑު އިންތިޚާބަކަށް ވެގެންދާނެކަމަށް ބެލެއެވެ.
ކޮމެންޓު ފޮނުވާ