ސްޕެނިޝް ލީގުގައި އޮސަސޫނާ ބަލިކޮށް ލީގު ކާމިޔާބުކުރުމާ ގާތަށް އެއްވަނައިގައި އުޅޭ ބާސެލޯނާ ޖެހިލައިފިއެވެ.
ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ބާރސާ ދެން ކުޅޭ މެޗްގައި އެސްޕަންޔޯލް އަތުން މޮޅުވެއްޖެނަމަ އެޓީމަށް ލަލީގާގެ ތަށި ކާމިޔާބު ކުރެވިގެންދާނެއެވެ. ބާރސާގެ ދަނޑުގައި ރޭ ކުޅުނު މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.
ނަމަވެސް މިހާފްގެ 26 ވަަނަ މިނެޓްގައި އޮސަސޫނާއަށް ފުރަތަމަ މެޗް ކުޅެމުންދިޔަ ހޯގޭ ހެރާންޑޯއަށް ދެއްކި ސީދާ ރަތްކާޑާއެކު މެޗްގެ ބޮޑުބައި އެޓީމުން ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ. ނަމަވެސް މިއާއެކުވެސް އޮސަސޫނާއިން ވަނީ ބާރސާއަށް ލަނޑެއް ޖެހުނަ ނުދީ މެޗްގެ ފަހު ފަސް މިނެޓާއި ހަމައަށް ހިފަހައްޓާލާފައެވެ. މިމެޗްގައި ބާރސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޖޮޑީ އަލްބާއެވެ.
މިކާމިޔާބީއާއެކު ބާރސާއަށް މިހާރުވަނީ ޕޮއިންޓް ތާވަލްގައި 14 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އަދި ބާކީ މިހާރު ފަސް މެޗް އޮތް އިރު ދެން އޮންނަ މެޗް ކާމިޔާބު ކޮށްފި ނަމަ އެޓީމަށް ލީގު ޔަގީން ކުރެވޭނެއެވެ.
ބާރސާއަށް މިހާރު 33 މެޗުން 82 ޕޮއިންޓްވަނީ ލިބިފައެވެ. އަދި ދެވަނައިގައި އުޅޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 68 ޕޮއިންޓެވެ. އެސްޕަންޔޯލް އާއެކު ބާރސާ ކުޅޭ މެޗް އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ބާރސާއަށް އެންމެ ފަހުން ލަލީގާގެ ތަށި ކާމިޔާބު ކުރެވިފައިވަނީ 2019 ވަނަ އަހަރުއެވެ. މިމެޗުން ބަލިވުމުން އޮސަސޫނާ އުޅެނީ 44 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.