ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެ މަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެއެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރައްވައެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އިފްތިތާހީ ބަޔާން އިއްވަވަމުން ދިފާއުގައި ފާހަގަ ކުރެއްވީ ދައުލަތުން ތުހުމަތު ކުރާ ފައިސާގެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. އެއީ ޔާމީންއާ ގާތް ގުޅުމެއް އޮންނަ ސަން ކުންފުނިތަކުގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ގަތް 1.1 މިލިއަން ޑޮލަރު ކަމަށް ޖަމީލު މިއަދު ވިދާޅުވިއެވެ.
އުސޫލުގައި ހިމެނޭ އަގަށް ވުރެ ބޮޑުކޮށް 1.55 މިލިއަން ޑޮލަރަށް ރަށް ގަނެފައި އަދި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ދީފައި، 2.6 މިލިއަން ޑޮލަރު ހޭދަކުރުމަކީ، ހަމަ ބުއްދީން ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން.
– ޖަމީލު ވިދާޅުވިއެވެ.
އެ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށަހެޅުމެއް ހުށަހަޅަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ހުށަހެޅުންތައް މާދަމާ ހެނދުނު 10 ގެ ކުރިން ހުށަހަޅަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވިއެވެ.
އެކަމަށް އެއް ދުވަހުގެ ފުރުސަތެއް އިތުރަށް ދޭން ޔާމީންގެ ވަކީލުން އެދިވަޑައިގަތަސް، ގާޒީ ނިންމެވީ އިތުރު މުއްދަތެއް ނުދެވޭނެ ކަމަށެވެ. އެ މައްސަލާގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން މިއަދު ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖެއްސިޔަސް، މިހާރު ވަނީ ހެކިބަސް ނެގުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފައެވެ. އެ ދުވަހު ހާޒިރުކުރާ ހެކިންގެ ތެރޭގައި މެމްބަރު ސިޔާމް ވެސް ހިމެނިވަޑައިގަންނަވައެވެ.
ޔާމީން މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމް އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް އޮތީ ހުށަހަޅުއްވައިފައެވެ.
2 Responses
އާދެ ތިޔައީ ފޮރިން އެކްސްޗޭންޖެއް ވިއްޔަ! ޑޮލަރު ގަނެ ވިއްކުމަކީ އެމްއެމްއޭގައި ރަޖިސްޓްރީ ކޮއްގެން ކުރަން އޮންނަކަމެކެވެ. އެހެންނޫންނަމަ އެއަށް ކިޔާނީ މަނީ ލޯންޑްރިންގ އެވެ. ޢެއީވެސް ކުށެކެވެ. ދިވެހިން ވާވައްދަން ނޫޅޭށެވެ. މާގިނަ ޑޮލަރު މަނިކުފާނަށް މިލިބެނީ އެމެރިކާއިން ފޮނުވަނީ ދެއްތޯއެވެ؟
އަމިއްލަ އެކައުންޓްތަކަށް މިލިޔަނުން ވަދެފަހުރި ފައިސާ އެއީ ހެއްކެތް ނޫން ހެއްޔެވެ؟ އިތުރު ހެއްކެތް ބޭނުންވޭ ހެއްޔެވެ؟ މިއީ ކުޑަ ކުއްޖަކަށްވެސް ނިންމޭވަރުގެ ޝަރީއަތެކެވެ.