ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ބައިނަލްއަޤްވާމީ ޤާނޫނުން ކަށަވަރުކަމާއި ރައްކާތެރިކަން ލިބިގެން ދިޔަ ދިޔުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.
ދިވެހި ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ އިންވަކިކުރުމާ ބޭހޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅުނު މައްސަލައިގައި، ދިވެހިރާއްޖޭގެ ސަރުކާރުން ވަކާލާތު ކުރި ގޮތަށް އެ ޓްރައިބިއުނަލް އިން ނިންމުމާ ވިދިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް އަދާލަތު ޕާޓީން ވަނީ މަރުހަބާ ދަންނަވާފައެވެ.
އިޓްލޮސްގެ ނިންމުމަށް މަރުހަބާ ދަންނަވައި އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވިދާޅުވީ މި ނިންމުމަކީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަށަވަރު ކުރެވި، ދިވެހި މަސް ކަނޑުތަކާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައެވެ.
މި ނިންމުމާ ވިދިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކީ ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށް އަދާލަތުން ބުނެފައިވެއެވެ. އަދި އިޓްލޮސް އިން ބަލަމުން އައި މައްސަލައިގައި، މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ މައްޗަށް ހިނގުމާމެދު ދިވެހިރާއްޖެއިން އުފެއްދި ސުވާލަށް، އޭގެކުރިން ޓްރައިބިއުނަލްއިން ގޮތެއް ކަނޑައަޅުއްވާފައިވާކަމަށެވެ.
އަދާލަތު ޕާޓީން ބުނީ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދު ކަމުގައި ބެލެވޭނީ ދިވެހިރާއްޖޭގެ ބޭސްލައިން އިން ފެށިގެން 12 ނޯޓިކަލް މައިލް ހިމެނޭ ސަރަޙައްދުކަމަށެވެ. ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ޤަބޫލުކުރަން ނިންމުމަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން ރާއްޖެއިން ނިންމެވި ނިންމުމެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ އާންމު އުޞޫލުން ބަލާނަމަ، ދެންނެވުނު ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ދަމައިލެވޭ ސަރަޙައްދެއް ކަމަށް ވިއަސް، އުތުރާއި ދެކުނުގައި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ އެހެނިހެން ސިޔާދަތީ ބާރުތަށް އޮތުމުން މި ސަރަޙައްދުތަކުގައި ވަނީ އިތުރަށް އިން ކުރެވިފައެވެ.
މިގޮތުން އިންޑިއާ އާއި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު 1976 ވަނަ އަހަރު އުތުރުގެ އިޤްތިޞާދީ ސަރަޙައްދާ މެދު އެއްބަސްވުމަކަށް އާދެވިފައި ވެއެވެ. ނަމަވެސް 1968 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ އަތްދަށުގައި އޮތް ފޯޅަވައްސާ ރާއްޖެއާ ދެމެދު އޮތް ސަރަޙައްދުގައި ދެޤައުމުގެ އިން ރަސްމީކޮށް ކަނޑައެޅިފައެއް ނެތެވެ. ރަސްމީކޮށް އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ ސަރަޙައްދުން ދިވެހިރާއްޖޭގެ ޙައްޤު އިތުރަށް ކަށަވަރު ކުރެވި ޤުދުރަތީ ވަސީލަތްތަށް ޙިމާޔަތްކޮށް ދިވެހިންނަށް ޚާއްޞަކޮށް އޭގެ މަންފާ ހޯދުމަށް ލިބިގެންދިޔަ އިތުރު ބާރެކެވެ.
އަދާލަތުނ ޕާޓީން ބުނީ ރާއްޖެ އާއި މޮރިޝަސް އާ ދެމެދު އުފެދިފައިވާ ޚިލާފުގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ހަމަތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ފުށުއަރާ ހަމަތަކެއް ނޫން ކަމާއި، މި ކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ބައިނަލްއަޤްވާމީ ޤާނޫނުން ކަށަވަރުކަމާއި ރައްކާތެރިކަން ލިބިގެން ދިޔަ ދިޔުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައެވެ.