ރިޔާސީ އިންތިހާބުގައި 282،755 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭ: އިލެކްޝަންސް

ރިޔާސީ އިންތިހާބުގައި 282،755 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭ: އިލެކްޝަންސް

މިއަހަރު ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމު ހައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާންމުކޮށްފައެވެ. ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން 282،755 މީހުންނަށް ވޯޓުލުމު ހައްޤު ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ. މިއީ ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ 19،755 މީހުންގެ އިތުރުވުމެކެވެ. އިލެކްޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 262،135 މީހުންނަށެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.

މިއީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށްވުރެ %10 އިންސައްތައިގެ އިތުރު ވުމުކެވެ. އެހެންކަމުން މިއަހަރު މުޅިން އަލަށް 21،000 ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ހިނގަމުންދާ ރިއާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އެކަން އިޢުލާން ކުރަންޖެހޭނެއެވެ.

ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލާނީ 23 ޖުލައި އިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އިއުލާންކުރާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާއި ހަމައަށް ފުރުޞަތު ދިނުމަށްވެސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *