އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން) ނިންމާފައިވާ ނިންމުން ޤާނޫނީ ހަމަތަކުގެ މަތީން އެހެން ނަތީޖާއެއް ނިކުމެދާނެކަމަށް ޤަބޫލު ނުކުރައްވާ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަޙައްދުގެ ތެރެއިން އިޓްލޮސްގެ ނިންމުމާ ގުޅިގެން އްޖެއަށް 47،232 އަކަކިލޯމީޓާރު ސަރަޙައްދެއް ލިބެއެވެ. މޮރީޝަސްއަށް ލިބެނީ 45،331 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ. ޓްރައިބިއުނަލުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން ހުށައެޅިގޮތަށެވެ.
މިމައްސަލާގައި ސަރުކާރުން ޢަމަލުކުރައްވާފައިވާ ގޮތާއި، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީއާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަވަމުންނެވެ. އަދި މިމައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ ޢާންމު ކުރެއްވުމަށްވެސް ދަނީ ގޮވާލަމުންނެވެ.
މިވާހަކަތަކަށް އިޝާރާތް ކުރައްވައި ކުރޫގެ ފޮރިން މިނިސްޓަރ ޑރ.ޝަހީދު ވިދާޅުވީ އިމުގެ މައްސަލާގައި އިޓްލޮސްއިން ދެން އެހެން ނަތީޖާއެއް އައުމަކީ ޤާނޫނީ ގޮތުން ހުރި ކަންކަމަށް ބަލާއިރު ވުމަށްވުރެއް ނުވުން ގާތްކަމެއްކަމަށެވެ. ނަމަވެސް އުފައްދަމުންދާ ސުވާލުތަކަށް ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއާއި ގުޅޭގޮތުން ސަރުކާރުން ޞައްޚަ މައުލޫމާތު ފޯރުކޮށްދެއްވުމަކީ މުހިންމު ކަމެއްކަމުގައި ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ.ޝަހީދު ވަނީ މިމައްސަލާގައި އިޓްލޮސްގައި ދިވެހި ސަރުކާރުން ޚާއްސަކޮށް ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ކުރައްވާފައިވާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.
Not really—I don’t believe a better outcome was possible. I think the job done by @ibriffath & his team is excellent. The reason for public agitation is that letters exchanged on the changed position on the UN vote have not been made public. This is a failure of gov comms policy.
— Ahmed Shaheed (@ahmedshaheed) May 1, 2023
ރައީސް ސޯލިހު ފޮނުއްވި ސިޓީ ހޯދުމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، މުހައްމަދު މުސްތާގް އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކުގެ ނަމުގައި ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅާފައެވެ.
ހަމައެހެންމެ, އެ ސިޓީ ހޯދުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. އަދި, ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް އެ މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ އެދިފައެވެ.
އިޓްލޮސްގައި ރާއްޖޭގެ ބައުންޑަރީގެ މައްސަލަ ނިމިގެންދިޔަ ގޮތާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ރައީސް ވަނީ ބަންޑާރަނާއިބާއި، އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވިކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ޤާނޫނީ ޓީމުން މަސައްކަތްކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ އާއި، ލަފާދެއްވި ގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިން ކަނޑައެޅިގެން ދިޔައީ ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އުނި ނުވެކަމަށެވެ.