ރީޑިން ނުނަގައި ބިލް ބޮޑުކުރި ކަމަށް ދައްކާ ވާހަކައިގެ އެއްވެސް އަސާސެއްނެތް: ޝަރީފް

ރީޑިން ނުނަގައި ބިލް ބޮޑުކުރި ކަމަށް ދައްކާ ވާހަކައިގެ އެއްވެސް އަސާސެއްނެތް: ޝަރީފް

ނިމިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް، ރީޑިން ނުނަގައި ބިލް ބޮޑުކުރި ކަމަށް ދައްކާ ވާހަކައިގެ އެއްވެސް އަސާސެއްނެތްކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވެ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ރީޑިން ނުނަގައި ބިލް ބޮޑުކުރިކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޝަރީފް ވިދާޅުވީ އެއްވެސް ބިލެއް ރީޑިން ނުނަގައި ހަދާފައި ނުވާނެކަމަށެވެ. އަދި އެގޮތަށް ދެކެވޭ ވާހަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަތަކެއްކަމަށެވެ.

ރީޑިން ނުނަގައި ބިލް ބޮޑުކުރި ކަމަށް އެބުނަނީ އެއްވެސް އަސާސެއްނެތް ވާހަކައެއް.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޓެރިފް ރޭޓަކީ ސްޓެލްކޯއިން ކަނޑައަޅާ ކަމެއްނޫން ކަމަށެވެ. އަދި ގޭގޭގައާއި، އެނޫންވެސް ތަންތަނުގައި ކަރަންޓު ބޭނުން ކުރާ މިންވަރު ނުވަތަ ރޭޓް ކޮންޓްރޯލް ކުރުމަކީ ސްޓެލްކޯއަށް ކުރެވޭ ކަމެއް ނޫންކަމަށެވެ.

ސްޓެލްކޯއިން އެއްވެސް އިރެއްގައި ބިލާއި ބެހޭ ގޮތުން ސައްޚަ ނޫން މައުލޫމާތެއް ހާމަކޮށްފައެއް ނުވާނެ، ޓެރިފް ރޭޓަކީ ސްޓެލްކޯއިން ކަނޑައަޅާ ކަމެއްނޫން. ކަރަންޓް ރޭޓް ބޭނުން ކުރުމަކީ ސްޓެލްކޯއިން ކޮންޓްރޯލެއް އޮންނަ ކަމެއްނޫން.

– ޝަރީފް ވިދާޅުވިއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ގޭބީސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އޭޕްރީލް މަހުގެ ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ވަނީ މިދިޔަ ހަފްތާގައިވެސް ބުނެފައެވެ. އެ ކުންފުނިން ބުނި ގޮތުގައި އިތުރުވާނީ ކޮންމެ މީޓަރަކުން ގާތްގަނޑަކަށް 500 ރުފިޔާއެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބިލް ހިސްޓްރީއަށް ބަލާއިރު ގިނަ ގެތަކުގެ މިދިޔަ މަހުގެ ކަރަންޓު ބިލު ޑަބަލްވެފައިވެސް އެބަހުއްޓެވެ. އެގޮތުން އާންމުކޮށް 500ރ. އަށްވުރެ ދަށުން ބިލް އަންނަ ގެއަކަށް 2،000ރ. އިން މަތީގެ ބިލް ލިބިފައިވާއިރު، އާންމުކޮށް 1،800ރ. ބިލަށް އަރާ ގެތަކަށް މިދިޔަ މަހު 3،800ރ. ވަނީ ކަރަންޓު ބިލަށް އަރާފައެވެ.

މިކަމާއި ގުޅިގެން އަދި ސްޓެލްކޯއިން ތަފްސީލީ މައުލޫމާތުތަކެއް ހިއްސާ ކުރާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *