ހޯމް މިނިސްޓަރ އިރާނަކީ، މަޤާމުގެ ދަހިވަތި ކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އިމްރާން ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި ޝިޔާމް ވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިމްރާންގެ ޓުވީޓުގައި ވިދާޅުވީ އެދުވަހު ދިވެހިން ދެއްކެވި އެއްބައިވަންތަ ކަމަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވުމަށް ކުރެވުނު އެންމެ ވަރުގަދަ އެއްމަސައްކަތް ކަމުގައެވެ.
އިމްރާން ވިދާޅުވީ އަނިޔާވެރިއެއްގެ އަނިޔާތައް ބަޔަކު ގަބޫލު ނުކުރި ކަމުގައި ވީނަމަވެސް މޭޑޭގެ މުޒާހަރާއަކީ ދިވެހި ތާރީހު ބަދަލުކޮށްލި މުޒާހަރާކަމަށެވެ.
އިމްރާންގެ ވާހަތަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރައީސް ޔާމީނާއިމެދު އިމްރާންގެ ބަސްމަގު ހުންނަ ގޮތުން އިމްރާންގެ ބެލުމުގެ ދަށުން ހިނގާ ތަނެއްގެ ބަންދުގައި ރައީސް ޔާމީން ހުކުމް ތަންފީޒު ކުރަމުންދާކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ. އިމްރާނަކީ ރައީސް ޔާމީނަށް ކޮންމެފަދަ ކަމެއްކޮށް ކޮށްފާނެ މީހެއްކަމަށް ވާހަކަތަކުން ހާމަވާއިރު މިކަންކަމާއިމެދު ނުހަނު ކަންބޮޑުވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އިމްރާނަކީ މަޤާމުގެ ދަހިވެތި ކަމަށްޓަކައި، މަޤާމު ދިފާއު ކުރެއްވުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީނާގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން ދަޢުލަތުން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް. މީނާގެ ބަސްމަގު ގެންގުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ. މަޤާމު ހޯދާށާ މަޤާމުގެ ދިފާޢުގައި ހަމަކޮށްމެފަދަ ކަމެއްވެސް މީނާ ކޮށްފާނެ.
– ޝިޔާމް ވިދާޅުވިއެވެ.
މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ.އަފްރާޝީމް އަލީގެ މަރާއި ރައީސް ޔާމީނާއި، އަދި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އާދީބާއި ގުޅޭ ލިޔުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ ލިޔުންތަކެއް ވެސް ދައްކާފައެވެ. ފަހުން އެނގުނު ގޮތުގައި އިމްރާން އެދުވަހު ދެއްކީ ހަވީރު ނޫހުގެ ވެބް ޕޭޖްތަކެއްގެ ޕްރިންޓްތަކެކެވެ.
އެލިޔުންތަކާއި ގުޅޭ ގޮތުން ވެސް އިމްރާން ވަނީ އެތައް ފަހަރަކު ދޮގު ހަދާފައެވެ. އެލިޔުންތަކާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ސުވާލު ކުރުމުން އިމްރާން ވިދާޅުވީ ފުލުހުން ވަނީ އެލިޔުންތައް އޭނާ ހައްޔަރުކުރި ދުވަހު އަތުލާފައި ކަމަށެވެ. ނަމަވެސް ފަހުން މަޖިލީހުގެ ޖަލްސާތަކުގައިވެސް އަދި ރޭޑިއޯ ޕްރޮގްރާމެއްގައިވެސް އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރާގައި އޭނާ ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ