ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރުމަށް ދައުވަތު ލިބިފައިވާކަމަށާއި، އެދެބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި ޤާސިމް އިބްރާހިމް ކެމްޕެއިންގެ މަސައްކަތްތަކާއި، ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެކި ފަރާތްތަކާއި ދަނީ މަޝަވަރާ ކުރައްވަމުންނެވެ. މިމަޝްވަރާތަކުގެ ތެރޭގައި ޤާސިމް ވެރިކަމަށް ގެނައުމަށް އެންމެ ފުރަތަމަ ބައިއަތު ހިފާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދާއި، ޤާސިމް އެކީގައި ކުރިއަށް ދިއުމަށް ނިންމައި ކުރަމުންދާ މަޝްވަރާތަކުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރުމަށް ދައުވަތު ދެއްވާފައެވެ. މިބައްދަލުވުމަށް ދައުވަތު ދެއްވީ ނިމިދޔަ ރޯދަމުގެ ތެރޭގައެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ހަތާވީސް އޮންލައިންގެ ނޫސްވެރިއަކު ވަނީ ޤާސިމާއި، ނަޝީދުގެ ދައުވަތެއް ލިބިފައި އޮތްތޯ ސުވާލު ކުރައްވާފައެވެ. ރައީސް ވިދާޅުވީ އެދެބޭފުޅުންގެ ދައުތެއް ރޯދަމަހުގެ ތެރޭގައި ލިބިފައިވާކަމަށެވެ. އަދި އެމަނިކުފާނު އެބޭފުޅުންނާއި ބައްދަލު ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.
ނަމަވެސް ބައްދަލުވުން ބާއްވާނެ ތާރީހެއް އަދި ސިޓީގައި އެބޭފުޅުން އެދިފައިވާ ކަމެއް ރައީސް ހިއްސާ ކުރައްވާފައި ނުވެއެވެ. މީގެ ކުރިންވެސް ރައީސް ވަނީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް ޤާސިމް ރައީސާއިއެކު ރިޔާސީ އިންތިޚާބުގައި ކުރިއަށް ދިއުމަށް ތާއީދު ކުރައްވާފައި ނުވެއެވެ. ޤާސިމް ނިންމެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަިއ ވާދަ ކުރެއްވުމަށެވެ.
ރައީސް ޞާލިހާއި މަޝްވަރާ ކުރެއްވުމަށް ޤާސިމާއި، ނަޝީދު ދައުވަތު ދެއްވާފައިވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައީސް ނަޝީދުގެ އެންމެ ބޮޑު އަމާޒެވެ. އަދި ޤާސިމާއި ނަޝީދު ކޯލިޝަންގެ މަޝްވަރާގެ އެންމެ ކުރީގައިވެސް އޮތީ ބަރުލަމާނީ ނިޒާމުގެ މައްސަލައެވެ.
ނަމަވެސް މިކަމުގައި ޤާސިމް ނިންމަވާ ވަކިގޮތެއް އަދި ހާމަކޮށްފައިނުވެއެވެ. ރައީސް ޞާލިހާއި ރައީސް ނަޝީދުގެ މެދުގައި އެންމެ ފުރަތަމަ ޚިޔާލް ތަފާތުވުން އުފެދުނު މައްސަލައަކީވެސް ބަރުލަމާނީ ނިޒާމުގެ މައްސަލައެވެ.
ކޮމެންޓު ފޮނުވާ