ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން އިތުރަށް ލީޑުފުޅާކުރަން ނުކުތް މެޗުގައި، އެ ޓީމު އަތުން ރޭ ރަޔޯ ވަޔެކާނޯ އިން 2-1 އިން މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރަޔޯ އިން ރޭގެ މެޗުގައި ލީޑުނެގީ 18 ވަނަ މިނިޓްގައި އޭރިއާތެރެއިން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އަލްވާރޯ ގާސިއާ ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން ބާސެލޯނާ އަށް އެއްވަރުކޮށްދޭން ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި، އޮފްސައިޑް ކަަމަށް ނިންމައިފައެވެ.
މެޗުގެ 53 ވަނަ މިނިޓްގައި ބާސެލޯނާ މެދު ތެރެއިން ގެއްލުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ވަޔެކާނޯގެ ފްރާން ގާސިއާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފައެވެ. ބާސެލޯނާގެ ފްރެންކީ ޑި ޔޯން ޓެކަލް ކުރި ބޯޅައެއް ހޯދައި، ގާސިއާ ވަނީ ރަނގަޅު ވަގުުުތު އޭރިއާތެރިން ހޯދި ޖާގައިގެ ބޭނުންހިފައި ގޯލަށް ބޯޅަ ވައްދާލައިފައެވެ.
ބާސެލޯނާ އަށް މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު ކާމިޔާބުކުރީ 83 ވަނަ މިނިޓްގައި ލެވަންޑޯސްކީއެވެ. މިއީ އޭރިއާތެރެއިން ދޫވި ބޯޅައެއް ހޯދައި، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ލެވަންޑޯސްކީ ޖެހި ގޯލެކެވެ.
ލީގުގައި އަންގާރަ ދުވަހުގެރޭ ރެއާލް މެޑްރިޑް ވަނީ 4-2 އިން ޖިރޯނާ އަތްދަށުވެފައެވެ. އެހެންވެ، ބާސެލޯނާ އަށް ރޭގެ މެޗުން މޮޅުވެ، 14 ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ވަޔެކާނޯ އަތުން ބަލިވުމުން ބާސެލޯނާ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު، 31 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 31 މެޗުން 65 ޕޮއިންޓް ލިބިފައެވެ.