ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް މިއަދު ބައްވާގޮތަށް ކްރިމިނަލް ކޯޓުގއި ތާވަލްކޮށްފިއެވެ.
މިއަދުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، މިއަދު ހެނދުނު 9:30 ގައެވެ.
އަދިވެސް އިބްތިދާއީ މަރުހަލާގައި އޮތް މިމައްސަލާގެ އަޑު އެހުމެއް އެންމެ ފަހުން ބޭއްވިފައިވަނީ ފާއިތުވި ޖެނުއަރީމަހުގެ 30 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކުރިޔަށް ނުގެންގޮސް ފާއިތުވި މުއްދަތުގައި ބާއްވާފައި އޮތީ، އެ މައްސަލާގައި ދައުލަތުން ކުރާ ޖިނާއީ ދައުވާތަކުން ދިފާއުވުމަށް ޔާމިންގެ ފަރާތުން ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޔާމިންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމާއެކު، އެކޯޓުން މައްސަލަ ވަކި ގޮތަކަށް ނިންމަންދެން ދަށު ކޯޓުގެ މައްސަލަ ކުރިޔަށް ނުގެންދިއުމަށް ހައި ކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ.
އަދި ހައި ކޯޓުން ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކުރުމާއެކު، ދަށު ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ. އެހެންނަމަވެސް ޔާމިންގެ ފަރާތުން މިހާރުވަނީ ހައި ކޯޓުގެ ނިންމުން ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. އަދި ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކޮށްފައިވެއެވެ.
ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
މި މައްސަލާގެ ޝަރީއަތުގެ މަރުހަލާ ކްރިމިނަލް ކޯޓުގައި މިއަދު ފެށުމަށް ހަމަޖައްސާފައިވާއިރު، ހެކިބަސް ނެގުމުގެ އަޑުއެހުންތައް އޭގެ ތިން ދުވަސް ފަހުން ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފައެވެ. ހެކިބަސް ނެގުމުގެ ދެ އަޑުއެހުމެއް ބާއްވަން މިވަގުތު ވަނީ ތާވަލްކޮށްފައެވެ.
އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން އުޅޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުއްގިރި މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކޮށްފައިވާއިރު، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ވ.އާރަށުގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް އަދި ހައިކޯޓުގައި ނުފަށައެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒުކުރުމަށް ކ. މާފުށީ ޖަލުގައެވެ.
ކޮމެންޓު ފޮނުވާ