ފެނަކައިން ނުދައްކައި އޮތް 11.8 މިލިއަން ރުފިޔާ 1 މަސްތެރޭ ދައްކަން ހުކުމް ކޮށްފި

ފެނަކައިން ނުދައްކައި އޮތް 11.8 މިލިއަން ރުފިޔާ 1 މަސްތެރޭ ދައްކަން ހުކުމް ކޮށްފި

Author
ހުސެއިން
26 އޭޕްރިލް 2023 07:04
0

އިކުއީ ނަމަކަށް ކިޔާ ވިޔަފާރި ކުންފުންޏަކުން ޚިދުމަތް ހޯދުމަށްފަހު ފެނަކަ ކުންފުނިން އެކުންފުންޏަށް ނުދައްކާ އޮތް 11.8 މިލިއަން ރުފިޔާ ކުރިޔަށް އޮތް 1 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމް ކުރީ، އިކުއިވީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ހޯދި ޚިދުމަތަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ފާއިތުވި އަހަރުގެ ޑިސެމްބަރުމަހު ކުރި ދައުވާގެ ޝަރީއަތުގައެވެ.

އިކުއިވީ އިންވެސްޓްމަންޓް އިން ފެނަކައަށް ދައުވާ ކޮށްފައިވަނީ ދެ ކުންފުނީގެ ދެމެދުގައި ކުރި ވިޔަފާރީގެ މުއާމަލާތުން ފެނަކައިން ދައްކަންޖެހޭ ފައިސާގެ 5 ބިލަކަށްވާ ފައިސާ ހޯދުމަށާއި އަދި ޖޫރިމަނާއަށްވާ ފައިސާ އާއެކު މުޅި ޖުމްލަ 18.3 މިލިއަން ރުފިޔާ ހޯދުމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، އިކުއިވީ އިންވެސްޓްމަންޓަށް ލިބެންޖެހޭ ފައިސާގެ ފުރަތަމަ ބިލަށްވާ 4،829،376ރ. އާއި ދެވަނަ ބިލަށް ލިބެންޖެހޭ 58،300ރ. ގެ އިތުރުން އިތުރު 3 ބިލަކަށް ލިބެންޖެހޭ ޖުމްލަ 2،738،573ރ. އާއެކު، މުޅި ބިލުގެ ޖުމްލަ 13،103،397ރ.އެވެ. އޭގެ އިތުރުން މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި  5،291،614ރ. ހޯދުމަށްވެސް މި ދައުވާގައި ހިމަނާފައި ވެއެވެ.

ޝަރީއަތުގައި ފެނަކައިންވަނީ އެ ކުންފުންޏަށް ދައްކަން ޖެހޭ 11.8 މިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށް އެއްބަސް ވެފައެވެ. އެހެންނަމަވެސް ޖޫރިމަނާ ދެއްކުމަށް އިންކާރު ކޮށްފައި ވެއެވެ. އަދި އެ ފައިސާ މަހުންމަހަށް ދެއްކޭގޮތަށް ހަމަޖައްސައިދިނުމަށް ޝަރިއަތުގައި ފެނަކައިން އެދިފައި ވެއެވެ.

މިމަސައްލާގައި ކޯޓުން ނިންމާފައިވަނީ މަދަނީ އިޖުރާތުގެ ގާނޫނުގެ ދަށުން އިކުއިވީގެ ފަރާތުން އެދިފައިވާ ގޮތަށް ޖޫރިމަނާ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް އެކުންފުންޏަށް ދައްކަންޖެހޭކަމަށް ފެނަކައިން އިއުތުރާފް ވެފައިވާ 11.8 މިލިއަން ރުފިޔާ ކުރިޔަށް އޮތް 1 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ހުކުމް ކޮށްފައި ވެއެވެ.

ފެނަކަ ކުންފުނިން ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3 ބިލިއަނެއްހާ ރުފިޔާއަށް އަރާ، އެކުންފުނި ވަނީ ވަރަށް ބޮޑަށް ދަރަނިވެރި ވެފައެވެ. އަދި އެކުންފުނީގެ އެމްޑީ ސައީދުގެ މައްޗަށްވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.