ރާއްޖޭގެ ހޫނުމިން ބައެއް ވަގުތުތަކުގައި 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭތީ ބޭރަށް ނުކުމެ އުޅޭ އިރު ސަމާލުވުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ މިއަދު ހެނދުނު 11:00 ޖެހިއިރު ރާއްޖޭގެ ފަސް ސަރަހައްދަކަށް ފީލްސް ލައިކް ޓެމްޕަރޭޗާ ނުވަތަ އިހްސާސް ކުރެވޭ ހޫނުމިން ހުރި ގޮތް އަންގައިދޭ ތަފްސީލްތަކެއް ހާމަކޮށްފައެވެ. އެކަމަކު މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމު ފިނިހޫނުމިން އެވްރެޖު ގޮތެއްގައި ހުރީ 31.6 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.
މެޓް އޮފީހުގެ އިންފޯގްރެފިކްސްއަށް ބަލާއިރު މިއަދު ހެނދުނު 11:00 ޖެހިއިރު އިހްސާސް ކުރެވޭ ފިނިހޫނުމިން ހުރީ ހދ. ހަނިމާދޫގައި 40.4 ޑިގްރީ ސެލްސިއަސް، ކ. ހުޅުލެ – 39.3 ޑިގްރީ ސެލްސިއަސް، ލ. ކައްދޫ – 40.4 ޑިގްރީ ސެލްސިއަސް، ގދ. ކާޑެއްދޫ – 39.6 ޑިގްރީ ސެލްސިއަސް އަދި ސ. ގަން – 39.8 ޑިގްރީ ސެލްސިއަސްއެވެ.
މެޓް އޮފީހުން ބުނީ މިއީ އެންމެ ހޫނުގަދަ ދުވަސްވަރަށް ވާތީވެ ހަނިމާދޫ، ހުޅުލެ، ކައްދޫ، ކާޑެއްދޫ އަދި ގަމުން ލިބޭ ފިނިހޫނުމިނުގެ މައުލޫމާތު ކޮންމެ ދުވަހަކު ހެނދުނު 11:00 ޖަހާއިރު، މެންދުރުފަހު 2:00 ޖަހާއިރު އަދި ހަވީރު 5:00 ޖަހާއިރު އެ އޮފީހުގެ ވައިބާ ގްރޫޕުގައި ހިއްސާކުރާނެ ކަމަށެވެ.
ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ ފާހަގަކޮށް، ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް މެޓް އޮފީހުން ވަނީ ހިއްސާކޮށްފައެވެ.
ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް:
– ވަރުދެރަވުން
– އަކުނިވަޔަށްދެމުން
– ބޮލުގައި ރިއްސާ ބޯ އެނބުރުން
– ހަށިގަނޑުން ފެން މަދުވުމުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން
– ލޮލަށް ލިބޭ ގެއްލުން
– ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން
ވަރުދެރަވުން، ބޮލުގައި ރިއްސަ ބޯއެންބުރުން ނުވަތަ އަކުނިވަޔަށް ދެމުންފަދަ އަލާމާތްތައް ފެންނަނަމަ ސިއްހީ ފަރުވާ ހޯދުން މުހިއްމު ކަން މެޓް އޮފީހުން އިރުޝާދުދެއެވެ.
ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
– ކުޑަ ބޭނުން ކުރުން
– ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ހެދުން ލުން
– ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުންކުރުން
– ގިނަވަގުތު އަވީގައި ހޭދަކުރާނަމަ އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން
– ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
– ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
– ގިނައިން ހަކުރު ހުރި ބުއިންތައް ބޭނުންނުކުރުން
– އެންމެ ހޫނު ގަދަވާ ވަގުތު ބޭރަށް ނުނިކުތުން
ކޮންމެ އަހަރަކު ވެސް ރާއްޖޭގައި އެންމެ ބޮޑަށް ހޫނުގަދަވަނީ އޭޕްރިލް އަދި މެއި މަހުއެވެ.
ކޮމެންޓު ފޮނުވާ