ފްލެޓް ލިބުނު ކަމަށް ބުނާ ލިސްޓަކީ ފޭކެއް، ފްލެޓެއް ނުބަހަން: އާބަންކޯ

ފްލެޓް ލިބުނު ކަމަށް ބުނާ ލިސްޓަކީ ފޭކެއް، ފްލެޓެއް ނުބަހަން: އާބަންކޯ

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2023 12:23
0

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުުންދާ މިކްސްޑް ރެޒިޑަންޝަލް ޕްރޮޓެކްޝަން ޔުނިޓް އާބަންކޯގެ މުވައްޒަފުންތަކަށް ބަހާފައިވާ ކަމަށް ބުނެ، ދައުރުވަމުންދާ ލިސްޓަކީ ބަޔަކު ހަދައިގެން އުޅޭ ސައްހަ ނޫން ލިސްޓެއް ކަމުގައި އާބަންކޯ އިން ބުނެފިއެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކޮށްފައިވާ މިކްސް ރެޒިޑެންޝަލް ޔުނިޓްތަކުން ބައެއް ފްލެޓު އާބަންކޯގެ މުއައްޒަފުންނަށް ވިއްކަން ހުޅުވާލާ ކަމަށް ބުނާ މެމޯއަކާއި އެ ކުންފުނީގެ ބޯޑް މެންބަރުންނާއި ޑިރެކްޓަރުންނާއި މެނޭޖަރުންތަކެއް ހިމެނޭ ލިސްޓެއް މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ސްޓާފް ހައުސިން ސްކީމްގެ ދަށުން ބައެއް ފްލެޓުތައް ވިއްކާލަން ހުޅުވާލާފައިވާ ކަމަށާއި ކުރިމަތިލި ފަރާތްތަކަށް ފުރުސަތު ދީ ނިމުނު އިރު 34 ޔުނިޓެއް ނުވިކި ބާކީވެފައިވާ ކަމަށެވެ.

ހައުސިން ސްކީމަށް ހުޅުވާލި ފަހުން އެއް އަހަރުވެފައިވާ އިރު އެ ސްކީމަށް ކުރިމަތިލުމަށް ފުރުސަތު ނުލިބޭ ގިނަ މުއައްޒަފުންތަކެއް މިހާރު އެބަތިބި ކަމަށާއި އެހެންވެ އެ 34 ފްލެޓަށް ކުރިމަތިލާން އަލުން ހުޅުވާލާފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ. މިހާރު 800 އަށްވުރެ ގިނަ މުވައްޒަފުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށާއި މިއީ ވަކި އުސޫލަކުން ވިއްކާ ތަންތަން ކަމަށް ބުންޏެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ މީހަކު އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ ސައްހަ ނޫން ލިސްޓެއް ކަމަށް އާބަންކޯ އިން ބުންޏެވެ.

އާންމުންނާ ގުޅިފައިވާ އެފަދަ މަސައްކަތްތައް ކުރާނީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ ގަވައިދާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި އެފަދަ މަސައްކަތްތައް އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ގަވައިދުން ބަލަމުންދާ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.

އާބަންކޯ އިން ވަނީ ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނި ކަމެއް އަންނާނެ ފަދަ އަދި ހައްގެއް ނިގުޅައިގަނެވޭނެ ފަދަ އެއްވެސް އަމަލެއް އެ ކޯޕަރޭޝަނުން ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ދޮގު ހަބަރާއި މައުލޫމާތު ފޯރުކޮށްދެނީ ކުންފުނީގެ އަގު ވައްޓާލަން ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.