ބަޔާން ކަޓުވާލުމަށްފަހު ސިޓީ ސެމީއަށް

ބަޔާން ކަޓުވާލުމަށްފަހު ސިޓީ ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.

މިއީ މިމުބާރާތުގެ ސެމީފައިނަލުން ސިޓީ ޖެހިޖެހިގެން ޖާގަ ހޯދި ތިންވަނަ ފަހަރެވެ. މިފަހަރުގެ މުބާރާތުގެ ސެމިފައިނަލުން ސިޓީ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ބަޔޭން މިޔުނިކާއި ބައްދަލުކޮށް ހަތަރު ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ސިޓީގެ ދަނޑުގައި ކުޅެ ތިން ލަނޑު ސުންލަނޑުން ސިޓީ ކާމިޔާބުކުރިއިރު، ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގް ބަޔޭންގެ ދަނޑުގައި ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔޭންއިންނެވެ. ނަމަވެސް މިއާއެކުވެސް ބަޔޭންއަށް ސިޓީގެ ޑިފެންސް ފުއަޅުވާލުން މިމެޗްގައި ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ. މިމެޗްގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެފުރުސަތެއް ބަޔޭންއަށް ލިބިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގައި ސިޓީ ބޮޑަށް ފެނިގެންދިޔައީ މާބޮޑަށް ކުރިއަށް ނުޖެހި ލިބޭ ފުރުސަތު ތަކުގައި ކައުންޓަރ އެޓޭކް ކުރާ އުސޫލުންނެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި ސިޓީއަށް ޕެނަލްޓީއެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް އަރލިންގ ހާލަންޑް ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިމެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 57 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑްއެވެ. މިއީ ހާލަންޑް މިސީޒަންގައި ސިޓީއަށް ކާމިޔާބުކޮށްދިން 48 ވަނަ ލަނޑެވެ. މިމެޗްގައި ބަޔޭންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްކޮށްދިނީ ކެޕްޓަން ޖޯޝުއާ ކިމިޗްއެވެ. މިމެޗްގެ ދެވަނަ ހާފްގައި ތަކުރާރުކޮށް މައްސަލަ ޖައްސަމުން ދިއުމުގެ ސަބަބުން ބަޔޭންގެ ކޯޗް ތޯމަސް ޓުކެލްއަށް ވަނީ ދެފަހަރެއްގެ މަތިން ރީނދޫ ކާޑު ދައްކައި ރަތް ކާޑަކާއެކު ބެންޗުން ފޮނުވާލާފައެވެ.

މިކާމިޔާބީއާއެކު އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ސިޓީއިން ކަށަވަރުކުރިއިރު، ސެމީފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއެވެ. މިދިޔަ ސީޒަންގެ ސެމީފައިނަލްގައިވެސް މިދެޓީމްވަނީ ބައްދަލުކޮށްފައެވެ. އެކުރިމަތިލުން ހަލަނޑު ފަސްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުން ޖާގަހޯދީ ރެއާލްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *