ޕީޕީއެމްގެ ރިޔާސީ ޓިކެޓާމެދު ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުންގެ މެދުގައި ޚިޔަލު ތަފާތުވެ ބައިބައިވެފައިވާކަމަށް ބައެއް މީޑިއާތަކުން ފަތުރާ ޚަބަރަކީ ސަރުކާރު އަޑީގައި އޮވެގެން ޕީޕީއެމް ބައިބައިކޮށްލުމަށް ކުރާ ކަމެއްކަމަށާ، އެފަދަ ބައިބައިވުމެއް ނެތްކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑެޓުގެ ގޮތުގައި ވާދަކުރައްވަން ޕާޓީން ޓިކެޓު އަރުވާފައިވާ ރައީސް ޢަބްދުﷲ ޔާމީނަށް ވާދަނުކުރެވިއްޖެނަ ދެން ހަދާނެގޮތަކާމެދު ގޮތެއް ނިންމައި، ޓިކެޓު އަރުވާނެ ބޭފުޅަކާމެދު އިދިކޮޅު ކޯލިޝަންގެތެރޭގައި ޚިޔާލުތަފާތުވެފައިވާކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި ދާދިފަހުން މާލޭ މޭޔަރު ޑރ.މުޢިއްޒަށް ޕީޕީއެމް ޓިކެޓު އެރުވުމާމެދު ކެމްޕެއިންކުރުމުގެ ތުހުމަތުގައި ސިޓީކައުންސިލްގެ މެމްބަރު ރަމީޒްގެ މައްޗަށް ކުރެވުނު ތުހުމަތާއެކު މިއަޑުވަނީ ގަދަވެފައެވެ. ރަމީޒްގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމާއެކު އޭނާވަނީ ޕީޕީއެމްއިން ވަކިވެފައެވެ.
ރިޔާސީ ޓިކެޓާމެދު އިދިކޮޅު ކޯލިޝަންގައި ޚިޔާލު ތަފާތުވުންތަކެއް އުޅޭކަމަށް ބުނެ މީޑިއާތަކުގައި ފަތުރާ ޚަބަރުތައް ދޮގުކުރައްވައި ޗެނަލް13 އަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ މިއީ ސަރުކާރު އަޑީގައި އޮވެގެން ޕީޕީއެމް ބައިބައި ކުރުމަށް ހިންގާ ކަމެއްކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމިނާ ހަވާލުކުރުމަށް އެންމެ ފުރަތަމަ ނިންމީވެސް ޕާޓީގެ ލީޑަޝިޕުން ކަމަށާ، ޕާޓީގެ ސެނެޓަށް ގެންގޮސް ސެނަޓުގެ އިއްތިފާގުން އެކަން ފާސްކުރީ އަދި އޭގެފަހުންކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި ލީޑަޝިޕްގެ ޚިޔާލު ތަފާތުކަމަށް ވާހަކަ ފެތުރުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ އަދި އިދިކޮޅު އިއްތިޙާދުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިންކަމަށް އަދުރޭ ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި މިއަދުވެސް މިހާރުވެސް މިކަމުގައި އިދިކޮޅު ލީޑަޝިޕްގައި އެއްވެސް ކަހަލަ ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާ ނުވެސް އޮންނާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ