އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދިރާސީ އައު އަހަރަށް މާލެ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެޑިއުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ހޯމަ ދުވަހު ހުޅުވާލިނަމަވެސް، އެހެން ގްރޭޑްތަަކުން ޖާގަ ހޯދުމަށް ފޯމު ހުށައެޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެންކަމަށް ބުނެފައިވެއެވެ.
ސަރުކާރު ސްކޫލްތަކަށް މިހާރު ޖާޖަ ދެމުން އަންނަނީ، އެ ކުއްޖަކު ދިރިއުޅޭ ގެ ހުންނަ ސަރަޙައްދާ ކައިރި ސްކޫލްތަކަށް އިސްކަން ދީގެންނެވެ. މިއީ ސްކޫލަށް ކުދިން ގެންދިއުމަށް ފަސޭހަކުރުމަށް ހަމަޖައްސާފައިވާ އުޞޫލެކެވެ.
ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، ދިރާސީ އަހަރު ފެށޭ ދުވަސްވަރަށް ބަދަލު ގެނެސްފައިވަނީ 2021ވަނަ އަހަރުއެވެ. މިހާރު ކުރިއަށްދާ ދިރާސީ އަހަރު ނިމޭނީ މިއަހަރުގެ ޖޫން 22ވަނަ ދުވަހުއެވެ.
2023-2024 ކުރިއަށްދާ ދިރާސީ އައު އަހަރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 6 ވަނަ ދުވަހުއެވެ.
މާލެ ސްކޫލްތަކަށް ކުދިން ވެއްދުމަށް އެދޭ ފޯމް (https://myoffice.moe.gov.mv/forms) މި ލިންކްއިން ލިބޭނެއެވެ.
ކޮމެންޓު ފޮނުވާ