ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުން ގިނަވެގެން ތިން މަހަށް ޖަލަށްލުން ނުވަތަ ގޭ ބަންދުކުރަން ވަގުތުން ހުކުމް ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފިއެވެ.
އަލަށް އަމަލު ކުރަން ފަށާފައިވާ ހެއްކާ ބެހޭ ގާނޫނުގައި ހެކިބަސް ދޭން ލާޒިމް ކުރުވުމުގެ ބާރު އޮވެ އެވެ. ހެއްކާ ބެހޭ ގާނޫނުގެ ދަށުން ގަވައިދު ހެދުމުގެ ބާރު ދީފައި އޮތީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން މިއަދު އާއްމު ކުރި ގަވައިދަކީ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެދި ގަވައިދެވެ. މިއީ ރާއްޖޭގައި ހެކިބަސް ނުދޭ މީހުންނަށް ފިޔަވަޅު އަޅަން ފެށި ފުރަތަމަ ފަހަރެވެ.
މިއަދު ސުޕްރީމް ކޯޓުން އާއްމުކުރި ހެއްކާބެހޭ ގަވާއިދު އޮތްގޮތުން ޝަރީއަތަށް ގެނެވޭ ހެއްކަކު ހެކިބަސް ދޭން ދެކޮޅު ހަދާނަމަ، ހެކިބަސް ދޭން އެންގުމުގެ ބާރު ކޯޓަށް އޮންނާނެ އެވެ. އެ އެންގުމަށް ތަބާނުވެއްޖެނަމަ ވަގުތުން ފިޔަވަޅު އެޅިދާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
ހެކިބަސް ދޭން ދެކޮޅު ހެދީ ޖިނާއީ މައްސަލައެއްގައި ނަމަ، ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000ރ. އިން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
ގަވާއިދު ވިދާޅުވުމަށް: https://t.co/b9wBXW8jA6 pic.twitter.com/ZFZVRk6XNc
— Supreme Court of the Maldives (@SCMaldives) April 18, 2023
މީގެ އިތުރުން މަދަނީ މައްސަލަތަކުގެ ތެރެއިން އެއް ލައްކަ ރުފިޔާއަށް ވުރެ ދަށުގެ އަދަދުގެ ފައިސާ ހިމެނޭ މައްސަލަތަކުގައި ހެއްކެއް ނެތް ނަމަ ހުވާ ކުރުވައިގެން ދައުވާ ސާބިތު ކުރުމުގެ އުސޫލު ވެސް އެ ގަވާއިދުގައި ހިމަނާފައިވެއެވެ. އަދި މިގޮތަށް ހުވާކުރަން ފުރުސަތު ދެވެނީ އެއްވެސް ހެއްކެއް ނެތް ހާލަތުގައި ކަމަށާއި އެ ހާލަތުގައި ދައުވާލިބޭ މީހާ ހުވާކުރަން ދެކޮޅު ހަދައިފިނަމަ އެ ދައުވާއެއް ސާބިތުވާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
މިއަދު އާއްމު ކުރި ގަވައިދުގައި ވާ ގޮތުން އާއިލީ ގުޅުމެއް އޮތުމުގެ ސަބަބުން ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދޭން ދެކޮޅު ހެދުމުގެ ބާރު އޮންނަ މީހުންނާއި އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން ލާޒިމް ނުކުރެވޭނެ މީހުން ފިޔަވައި ދެން ތިބި އެންމެންނަށް އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅިދާނެއެވެ. މީގެ އިތުރުން ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާނަމަ އެ މީހުން ހައްޔަރުކޮށްގެން ވެސް ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.