ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގައި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯތުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރުމުން އެމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުފް ކުރުމަށް ނިންމައިފިއެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ.
މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުޙުމަތުކޮށްފައިވެއެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރިއެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާއި ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކެކެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އެނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލާގައި ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ޤާނީނީ އަދި ޝަރުއީ ސަބަބެއް ޔާމީންގެ ފަރާތުން ފާހަގަ ކުރެވިފައިި ނުވާކަމަށެވެ. ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މިމައްސަލާގައި މިއަދު ބޭއްވި އަޑު އެހުމުގައި ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގާނޫނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅުއްވާއިރު، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމަށް ވަގުތީ އަމުރަކަށް އެދެން ގަސްދުކުރާކަމަށްވެސް ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ. ގާޒީ އަލީ ނަދީމް ވަނީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިމުނުކަން އިއުލާނު ކުރައްވައި، ދެން އޮންނާނީ ޝަރީއަތް ފެށުންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ދައުވާލިބޭ ފަރާތްތައް ބޭނުންނަމަ، އޮންލައިންކޮށް ބައިވެރިވެވިދާނެކަމަށް ގާޒީ ވިދާޅުވިއެވެ.
މި އަޑުއެހުމުގައި ޔާމީނު ވިދާޅުވީ، ހެކިބަސް ނެގުމުގެ ބައެއް އަޑުއެހުންތަކަށް ކޯޓަށް ހާޒިރުވާން ބޭނުންފުޅު ނުވާ ކަމަށާއި، އެ އަޑުއެހުންތަކުގައި ބައިވެރިވާން ބޭނުންވަނީ އޮންލައިންކޮށް ކަމަށެވެ. އެގޮތުން ހާޒިރުވާން ބޭނުންވާ އަޑުއެހުންތަކަކީ ކޮބައިކަން ވަކީލުންނާ ވާހަކަ ދެއްކެވުމަށްފަހު ކޯޓަށް އަންގަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.